13 Oct 2014, 10:04
ވޮޝިންޓަން (އޮކްޓޯބަރ 13) : އެބޯލާ ވައިރަސް ޖެހިގެން މިދިޔަ ހަފްތާގައި އެމެރިކާ ގެ ޓެކްސަސްގައި މަރުވި ލައިބީރިޔާގެ ރައްޔިތަކަށް ފަރުވާދިނުމުގައި ބައިވެރިވި އެމެރިކާގެ ނަރުހެއްގެ ހަށިގަނޑަށް އެބޯލާ ވައިރަސް އެރީ އެމެރިކާގެ ސިއްޙަތާބެހޭ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ކަމަށާ އެއީ ވަރަށް ބޮޑުމައްސަލައެއް ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެއްބަސްވެއްޖެ އެވެ.
ސީޑީސީގެ ޑައިރެކްޓަރ ޓޮމް ފްރައިޑެން ވިދާޅުވީ އެމެރިކާގެ ނަރުހެއްގެ ހަށިގަނޑަށް އެބޯލާ ވައިރަސް އެރީ އެމެރިކާގެ ސިއްޙަތާ ބެހޭ ނިޒާމުގައިވާ މައްސަލައެއްގެ ސަބަބުން ކަން ކަށަވަރުވާ ކަމަށާއި އެމައްސަލަ އިތުރަށް ބަލައި ތަހްގީގް ކުރަމުން ގެންދާކަމުގަ އެވެ. އަދި ތަހްގީގަށް ފަހު އެމެރިކާގެ ސިއްޙަތާ ބެހޭ ނިޒާމުގައިވާ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދޭނެކަމަށްވެސް ޓޮމް ވިދާޅުވި އެވެ.
އެބޯލާ ވައިރެހަށް ޕޮޒިޓިވް ވެފައިވާ ލައިބީރިއާގެ ފިރިހެނެއް ކަމަށްވާ ތޯމަސް ޑަންކޭންއަށް ފަރުވާ ކުރުމުގެ ސަބަބުން އެބަލީގެ ވައިރެހަށް ޕޮޒިޓިވް ވި ޓެކްސަސްގެ ހޮސްޕިޓަލުގެ ނަރުހަކީ ކާކުކަން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އެމެރިކާގެ ސިއްހީ ނިޒާމުގެ ފެންވަރާއި ގާބިލް ކަމާ އަދި ކޮލިޓީއާ މެދުވަނީ ބޮޑެތި ސުވާލު ތަކެއް އުފެދިފަ އެވެ.
ލައިބީރިޔާގެ ތޯމަސް ޑަންކެން އެމެރިކާއަށް ދިއުމަށް ފަހު އޭނާ ބަލިވެގެން ހޮސްޕިޓަލަށް ދެއްކި ފުރަތަމަ ފަހަރު އޭނާއަށް ހަމައެކަނި ދިންކަމަށް ވަނީ ތަދުކަނޑުވާ ބޭހެ އެވެ. އެއަށް ފަހު އެއްވެސް ޓެސްޓް ކުރުމެއްނެތި އޭނާ ވަނީ ދޫކޮށްލާފަ އެވެ. ތޯމަސް، ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އެބޯލާ ފެތުރެމުންދާ އޭނާގެ ގައުމު ކަމަށްވާ ލައިބީރިއާ އަށް ދަތުރުކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދީފައިވަނިކޮށް ކަމަށާއި އޭނާ ދޫކޮށްލި އިރު އޭނާގެ ހަށިގަނޑުގައި އެބޯލާގެ ވައިރަސްހުރިކަން މިހާރު ޔަގީންވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ތޯމަސްއަށް އެބޯލާ ޖެހިފައިވާކަން އެމެރިކާގެ ސިއްޙަތާބެހޭ ނިޒާމަށް ކަށަވަރު ކުރެވުނީ ދެވަނަ ފަހަރަށް އޭނާ ޑޮކްޓަރަށް ދެއްކުމުންނެވެ. ތޯމަސްއަށް ފަރުވާދިން އެމެރިކާގެ ނަރުހެއްގެ ހަށިގަނޑަށް އެބޯލާ ވައިރަސް އެރީ މިގޮތަށް ކަންތައްވުމާ އެކު އޭނާގެ ޙާލަތު ދެނެގަނެ އަޅަންޖެހޭ ސިއްޙީ ފިޔަވަޅު އެޅުމުގައި އެމެރިކާގެ ސިއްޙަތާބެހޭ ނިޒާމު ފޭލްވުމުގެ ސަބަބުންކަން މިހާރުވަނީ ކަށަވަރުވެފަ އެވެ. އެބޯލާގައި ތޯމަސް މަރުވިއިރު އޭނާގެ ހަށިގަނޑުން އެމެރިކާގެ ނަރުހެއްގެ ހަށިގަނޑަށް އެބޯލާ ވައިރަސްވަނީ ވާސިލްވެފަ އެވެ. މިކަން ވީ ތޯމަސް އަށް އެބޯލާ ޖެހިފައިނުވާ ކަމަށް ބަލައިގެން ފަރުވާދިނުމުގެ ސަބަބުންކަމަށް ވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)