ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ދެ ބޭފުޅެއްގެ ނަންފުޅު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުއްވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޕީއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ މާލޭ ދަފްތަރު 5831 އާދަމް ސަޢީދު މޫސާ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތުގެ ނަންފުޅު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު ފޮނުއްވެވީ ކަމަށެވެ.

ޕީއައިސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ. އެބޭފުޅުންނަކީ މާލޭ ދަފްތަރު ނަމްބަރު 1320 ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދުގެ އިތުރުން ހ. ގްލޯރިއޯސާ‏ ‏އަލީ ނަދީމެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ސަރީރާ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ރައީސް ޔާމީން ވަނީ އައްޔަން ކުރައްވައިފަ އެވެ.