ސަޢޫދީ ޢަރަބިއްޔާގައި މިފަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް އުޟްހިޔާ ކަތިލުމަށް ބޭނުންކުރާ ބާވަތުގެ 2.5 މިލިއަނަށް ވުރެ ގިނަ ޖަނަވާރު ވިކިފައިވާ ކަމަށް ޖިއްދާގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ޖޭސީސީއައި)އިން ބުނެފި އެވެ.

ޖޭސީސީއައިގެ ލައިވްސްޓޮކް ޓްރޭޑާސް ކޮމިޓީގެ ޗެއާމަން ސުލެއިމާން ބިން އަލް-ޖަބްރީ ވިދާޅުވީ، އޭނާގެ ކުންފުނިން ޙައްޖު މޫސުމުގައި އެއް މިލިއަން ޖަނަވާރު އެތެރެ ކުރި ކަމަށާއި އަދި މައްކާގެ އެކިއެކި ދަނޑުބިންތަކުން 200،000 ޖަނަވާރު ރިޒާވްކުރި ކަމަށެވެ.

"މިނިސްޓްރީ އޮފް އެގްރިކަލްޗަރާއި ޖޭސީސީއައިގެ ލައިވްސްޓޮކް ޓްރޭޑާސް ކޮމިޓީގެ އެހީތެރިކަމާއެކު މިފަހަރުގެ އަޟްހާ އީދުގެ ކުރިން ޖިއްދާ އިސްލާމިކް ޕޯޓަށް ފާހަގަ ކޮށްލެވޭވަރުގެ ގިނަ ޢަދަދެއްގެ ޖަނަވާރު ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އަލް-ޖަބްރީ ވިދާޅުވީ، ސައޫދީގެ އެކި ސަރަހައްދުތަކުގެ ބާޒާރުތަކުގައި ލައިވްސްޓޮކް ހުސްވިޔަ ނުދީ ހިފެހެއްޓުމަކީ އޭނާގެ ކުންފުނިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބެލުމުގެ ދަށުން އަހަރެމެން ވާނީ، އެއްބަސްވެފައިވާ އަދަދަށް ޖަނަވާރު ފޯރުކޮށްދީފައި. ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޖަނަވާރުތަކުގެ އަގުތައް އާންމު މިންގަނޑުގައި ދެމެހެއްޓުން،" އަލް-ޖަބްރީ ވިދާޅުވި އެވެ.

މިފަދަ ގިނަ އަދަދެއްގެ ގުރުބާންކުރުމަށް ބޭނުންކުރާ ޖަނަވާރު އެތެރެކުރުމަށް ސައޫދީގެ އެގްރިކަލްޗަރު މިނިސްޓްރީން، އެގައުމުގެ އިމްޕޯޓްކުރާ ފަރާތްތަކަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ވަސީލަތްތައް ގާއިމްކުރުމަށް ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އަލްޖަބްރީ އެ މިނިސްޓްރީއަށް ތައުރީފުކުރެއްވި އެވެ. -- (އަލްޢަރަބިއްޔާ)