ގާހިރާ (އޮކްޓޯބަރު 13): އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާންގެ ޝިކާރައަކަށްވެ އިސްރާއީލުން ޙަމަލާދީ މުޅިން ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާހިރާގައި އިއްޔެ ބޭއްވި ކޮންފަރެންސްގައި ގަތަރުން އެއް ބިލިޔަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދިނުމަށް ނިންމައިފި އެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަތަރުގެ ޚާރިޖީ ވަޒީރު ޚާލިދް ބިން މުޙައްމަދުލްއަތިއްޔާ ވިދާޅުވީ، އިސްރާއީލުން ގަސްދުގައި ޙަމަލާދީ ޣައްޒާގެ ލައްކަ އަކަށްވުރެ ގިނަ މީހުންގެ ގެދޮރު މުޅިން ސުންނާފަތި ކޮށްލާފައިވާ ކަމަށާ އަދި އެތަށް ލައްކަ ބައެއްގެ ގެދޮރު ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމުގައެވެ. އަދި އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރުވެސް ހަލާކުކޮށްލާފައިވާ ކަމަށާއި މިކަންތައްތައް ފޫބެއްދުމަށްޓަކައި ޣައްޒާ އަލުން އާރާސްތުކޮށް ބިނާކުރުމަށް އެއްބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ތިންއަހަރު ތެރޭގައި ގަތަރުން ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ފަހަރެއްގެ މަތިން އިސްރާއީލު އުދުވާން ހިންގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް 5.4 ބިލިޔަން ޑޮލަރު ދިނުމަށް މިކަމާބެހޭގޮތުން ގާހިރާގައި ބޭއްވި ބައިނަލްއަގްވާމީ ކޮންފަރެންސްގައި ބައިވެރިވި ގައުމުތަކުން ވަޢުދު ވެފައިވެއެވެ. 50 ގައުމު ބައިވެރިވި މިކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނޯވޭގެ ޚާރިޖީ ވަޒީރު ބޯގް ބްރެންޑް ވިދާޅުވީ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް 5.4 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށާއި މީގެތެރެއިން ބޮޑުބައެއް ހިލޭއެހީގެ ގޮތުގައި ދޭނެ ކަމުގެ ޔަގީންކަން ކޮންފަރެންސްގެ ބައިވެރިންގެ ފަރާތުން ލިބުނު ކަމުގައެވެ.

ގަތަރުގެ އިތުރުން އަރަބި އެހެން ދެގައުމު ކަމަށްވާ ކުވައިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް މިދެގައުމުގެ ތެރެއިން ކޮންމެ ގައުމަކުންވެސް ވަނީ ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތަށް ތިން އަހަރު ދުވަހުގެ ތެރޭގައި 200 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަން މިކޮންފަރެންސްގައި އިޢްލާންކޮށްފައެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ތިން ހަނގުރާމައިގާވެސް އިސްރާއީލަށް ހަތިޔާރާއި ފައިސާގެ އެންމެ ބޮޑު އެހީއެއް ވެދިން އެމެރިކާވެސް ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތަށް 212 މިލިޔަން ޑޮލަރު ދޭނެކަން މިކޮންފަރެންސްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ހާމަކުރައްވާފައެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ޓަކައި ބޭނުންވަނީ ހަތަރު ބިލިޔަން އެމެރިކާ ޑޮލަރު ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފައިވާއިރު އެހީ ހޯދުމުގެ މިކޮންފަރެންސްގައި ބައިވެރިވި ގައުމުތަކުން ތިން އަހަރު ތެރޭގައި 2.7 ބިލިޔަން ޑޮލަރު ދޭނެކަން އިޢްލާންކޮށްފައިވާ ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެއެވެ.

މި ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އާއި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ ޣައްޒާއާއި ފަލަސްތީނުގެ އެހެން ބިންތަކަށް ގަދަބާރުން ވެރިވެގަނެ އެ ބިންތައް އިސްތިޢްމާރުކޮށްގެން އުޅޭ އުޅުން ދޫކޮށްލައި ސުލްހައިގެ މަގު ޚިޔާރު ކުރުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނަށް މިނިވަންކަން ދިނުމަށާއި ހަނގުރާމައާއި ތަޅާފޮޅުމާއި އަނިޔާވެރިކަން އިސްކުރުމުގެ ބަދަލުގައި ސުލްޙައާއި އަމަން އަމާންކަން އިޚްތިޔާރުކޮށް ފަލަސްތީނުގެ ޙައްގުތަކަށް އިޙްތިރާމް ކުރުމަށްވެސް އެ ދެބޭފުޅުން އިސްރާއީލުގެ ހަރުކަށި ވެރިންނަށް ގޮވާލެއްވި އެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުން ޣައްޒާގެ 2100 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި ޣައްޒާގެ އާއިލާތަކުގެ ތެރޭން 91 ޢާއިލާއެއްގެ ހުރިހާ މެންބަރުން ޝަހީދުކޮށްލައި އިސްރާއީލުން ވަނީ އެ އާއިލާތައް އެއްކޮށް ވުޖޫދުން ނައްތާލުމުގެ ހަނގުރާމައިގެ ޖަރީމާތައްވެސް ބައިނަލްއަގްވާމީ މުޖްތަމައުގެ ކުރިމަތީގައި ހިންގާފައެވެ. (އަލްޖަޒީރާ)