13 Oct 2014, 00:16
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އައު ކޮމްބެޓް ޔުނިފޯމް މިރޭ ތައާރަފުކޮށް، ދައްކާލައިފި އެވެ.
ސިފައިންގެ އައު ކޮމްބެޓް ޔުނިފޯމް ދައްކާލީ މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ޔުނިފޯމް ތައާރަފުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
ހުރިހާ ރޭންކުތަކެއްގެ ސިފައިން ވެސް ބޭނުންކުރުމަށް ތައާރަފުކޮށްފައިވާ އެ ޔުނިފޯމުގައި މިހާރު ބޭނުން ކުރާ ކޮމްބެޓް ޔުނީފޯމުގައި ނުހިމެނޭ ނޫ ކުލަ ހިމެނެ އެވެ. އޭގެ އިތުރުން ފެއްސާ ހުދު ކުލައިގެ އިތުރުން އަޅިކުލައެއް އެ ޔުނިފޯމްގައި ހިމެނެ އެވެ.

ސިފައިންގެ އައު ކޮމްބެޓް ޔުނިފޯމް ދައްކާލި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ސިފައިންގެ އައު ކޮމްބެޓް ޔުނީފޯމަކީ "ޑިޖިޓަލް ޕެޓާން" އެއް ހިމަނައިގެން ފަރުމާކޮށްފައިވާ ޔުނީފޯމެކެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ފޮއްޗެއް ބޭނުންކޮށްގެން ފަހާފައިވާ އެ ޔުނިފޯމުން މީހާގެ ހަށިގަނޑަށް ރައްކާތެރިކަން ލިއްބައިދޭ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދެ އެވެ.
ސިފައިންގެ އައު ކޮމްބެޓް ޔުނިފޯމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ވިދާޅުވީ މިރޭ ތައާރަފުކޮށްފައިވާ ޔުނީފޯމަކީ ވަރަށް ހާއްސަ ޔުނީފޯމެއް ކަމަށެވެ. އެހެންކަމުން ޔުނީފޯމް ލައިގެން ސިފައިންގެ މީހެއް ގޮތުގައި ހުރެ ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށް ހުރިހާ ސިފައިންގެ އަރިހުން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ސިފައިންގެ ޚިދުމަތް މީގެ 122 އަހަރު ކުރިން ރާއްޖެއަށް ތައާރަފުކޮށްފައިވާ އިރު މީގެ ކުރިން ސިފައިން ވަނީ 16 ޔުނީފޯމެއް ބޭނުންކޮށްފަ އެވެ.