ސިފައިންނަށް ހުޅުމާލޭގައި އިމާރާތް ކުރާ "ސިފްކޯ ހިޔާގެ" 300 ފުލެޓް ލިބުނު ސިފައިންގެ ނަންތައް އިއުލާންކޮށް، ސިފައިންނަށް އަނެއްކާވެސް 300 ފުލެޓް އިމާރާތް ކުރަން ނިންމައިފި އެވެ.

ސިފައިންގެ ތެރެއިން 1200 މީހުން ކުރިމަތިލި "ސިފްކޯ ހިޔާގެ" 300 ފުލެޓަށް ހޮވުނު ސިފައިންނަށް ފުލެޓް، ހަވާލު ކުރީ ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިރޭގެ ރަސްމިއްޔާތުގައި ސިފައިންނަށް ފުލެޓް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި ސިފައިންގެ އިސް ބޭފުޅުންނެވެ.

ސިފައިންގެ އާ ކޮންބެޓް ޔުނީފޯމް ތައާރަފް ކުރި ރަސްމިއްޔާތުގައި ސިފައިންނަށް އިތުރު 300 ފުލެޓް އަޅާނެ ކަމަށް އިއުލާން ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަކަށް އިތުރު 300 ފުލެޓް ސިފައިންނަށް އަޅާނެ ކަމަށާއި އަތޮޅުތަކުން ގޯތި ލިބިފައި ހުރި ސިފައިންނަށް އެ ގޯތިތަކުގައި ގެދޮރު އިމާރާތް ކުރުމުގެ މަގު އެމްއެންޑީއެފުން ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މި 300 ފްލެޓް ސިފައިންނަށް އަޅާދީފައި ހުއްޓާލަނީއެއް ނޫން. އޭގެ ފަހުން ވަރަށް އަވަހަށް އަނެއް 300 ފްލެޓް އަންނާނެ. އަދި ކުރިމަގުގައި ހިޔާލުކޮށްފައި އޮތީ ސިފްކޯއާއި ސިވެކް މެދުވެރިކޮށް އަތޮޅުތެރޭގައިވެސް ގެވަޅުތައް ލިބިފައި ތިބި ބޭބޭކަލުންނާ ކަނބަލުންނަށް އެތަނުގައި ގެތައް ލުއިގޮތެއްގައި އަޅާދެވޭނެ ގޮތެއް ހަދަން" ޝިޔާމް ވިދާޅުވި އެވެ.

ސިފައިންނަށް އަލަށް އަޅާ 300 ފުލެޓް އިމާރާތް ކުރާ ތަނެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އުތުރު ތިލަފަޅުގައި ހަދާ ސިފައިންގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ސިފައިންނަށް ބޭނުންވާ އެކަމަޑޭޝަންގެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ.