12 Oct 2014, 22:51
ކަނޑުމަތީގައި ދެ އުޅަނދެއްޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 20:26 ހާއިރު ގދ. ފަރެސްމާތޮޑާ އާ ދިމާ ބޭރުން ހައޮޑިގަލާއާއި މާހޮޓިގަލާ ދެމެދުގައި ކަމަށެވެ. އެ އެކްސިޓެންޓުގައި މަސްކިރާ ބޯޓަކާއި “ޝާމް” ނަމަކަށް ކިޔާ، ދޮށީގެ މަސްވެރިކަން ކުރާ ދޯންޏެއް ޖެހި، ޝާމް ދޯނީގައި ތިބި ދެ ދިވެހި ފިރިހެނުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއްވި ދެ މީހުންގެ ތެރެއިން އެކަކު ގދ. ފަރެސްމާތޮޑާއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަނެއް މީހާ ވެސް އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގި އިރު ދޯނީގައި ތިބި އިތުރު ބައެއް މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެ އެކްސިޑެންޓްގެ ސަބަބުން ދޯނީގެ ގެ ގަނޑާ ދިމާލުން ބޮޑުތަނެއް ވަނީ ހަލާކުވެފައެވެ.
ފުލުހުން ބުނީ ގދ. އަތޮޅަށް މިވަގުތު ގަދަ ވަޔާއެކު ވިއްސާރަވެހެމުންދާތީ ފުލުހުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.