ތާރީހު ދިރާސާ ކޮށްދިނުމަށް ދަސްކޮށްދޭ ކްލާސްތަކެއް ދިވެހި ބަހުގެ އެކަޑަމީން ފައްޓައިފި އެވެ.

ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި މިރޭ ފެއްޓި އެ ކްލާސްތަކުގައި ޖުމްލަ 27 މީހަކު ބައިވެރިވެ އެވެ. އެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ނިޔަލަށެވެ.

ތާރިހަށް މީހުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެ ކްލާސްތައް ފެށުމަށް ބޭއްވި އެ ރަސްމިޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހި ތާރީހު އަދި އޮތީ ބޮޑަށް ދިރާސާ ނުކުރެވި ކަމަށާއި މިރޭ ފެށި ކޯހުގެ ސަބަބުން ތާރީހު ދިރާސާކުރުމުގެ ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

"މިއީ [ތާރިހާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގައި] ހިތަށް އެރި އެއްޗެއް ބަޔާން ކުރަންވީތޯ. އެމީހަކަށް ފެންނަ އެއްޗެއް އެމީހަކަށް ފެންނަ ގޮތަކަށް ބަޔާން ކުރާނީ ކޮން އުސޫލަކުންތޯ، މި ކަހަލަ ހަރުދަނާ އުސޫލުތަކެއް މި ކްލާސްތަކުގެ އަލީގައި މި ކްލާސްތަކުގައި ކިޔަވަދެއްވާ މުދައްރިއްސުންގެ ދެއްވާ ފިލާވަޅުތަކުން ވަރަށް ބޮޑަށް އެނގިންދާނެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކްލާސްތަކެއްގެ ގޮތުގައި ދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާރީހު ދިރާސާ ކުރުމަށް ކޮންމެހެން އެނގެން ބޭނުންވާނެ މުހިންމު މައުލޫމާތުތަކެއް ބައިވެރިންނަށް އުނގަންނައި ދޭނެ ކަމަށެވެ.

މިއީ ތާރީހު ދިރާސާ ކުރުމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް އާންމުނަށް ހުޅުވާލައިގެން ފެށި ކްލާސްތަކެކެވެ. އެ ކްލާސްތަކުގައި ގިނަ އަދަދަކަށް އެމްއެންޑީއެފްގައި މަސައްކަތް މީހުން ބައިވެރިވެ އެވެ.