ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ޖަލަށްލި މައްސަލައިގައި ބަދަލެއްގެ ގޮތުން 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ހާމިދު ދައުވާ ކުރައްވައިފިއެވެ.

ހާމިދު ސިވިލްކޯޓުގައި އެ ދައުވާ އުފުލާފައި ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރުވެވަޑައިނުގަނެ ރައްޔިތުންގެ މަޖިލީސް ތެރޭގައި ހުންނެވި ދުވަސްވަރު އޭނާ ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލާގައެވެ. ހާމިދުގެ މައްޗަށް އިއިރު ހުކުމް ކޮށްފައި ވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. ނަމަވެސް އެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އެހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އޭނާ ވަނީ ޖަލުން މިނިވަންކޮށްފައެވެ.

ހާމިދު މިރޭ ސަން އަށް ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަންޖެހުނު ސަބަބަކީ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވާތީ ކަމަށެވެ.

ހައިކޯޓުން އެ ހުކުމް ބާތިލް ކުރުމުން އެނގިގެންދަނީ ކްރިމިނަލް ކޯޓުގެ ހުކުމަކީ އެ ހުކުމް ކުރެވުނު އިރުވެސް ބާތިލް ހުކުމެއް ކަމަށް ހާމިދުގެ ދައުވާގައި ވެއެވެ. އަދި އެ ހުކުމުގެ ސަބަބުން ހާމިދަށް ލިބެންޖެހޭ އެތަށް ހައްގެއް ދައުލަތުގެ މުއައްސަސާތަކުން ހިފަހައްޓާފައިވާ ކަމަށް ވެސް ހާމިދުގެ ދައުވާގައި ވެއެވެ.

އޭނާ ސިވިލް ކޯޓުގައި އެދިވަޑައިގެންފައި ވަނީ އެ ހުކުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ކުރަންޖެހުނު ޚަރަދުތަކުގެ ބަދަލެއްގެ ގޮތުން ދައުލަތުގެ ފަރާތުން 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި ދިނުމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.