މިދިޔަ މަހުގެ ނިޔަލަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އާމްދަނީއަށް ވުރެ އިތުރުވެއްޖެ އެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.9 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޖުމްލަ އާމްދަނީގެ ގޮތުގައި 9.01 ބިލިއަން ރުފިޔާ މިއަހަރު ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީއާ އަޅައިބަލާއިރު، 26.3 ޕަސެންޓަށް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބިފައި ވަނީ 7.1 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް ދައުލަތަށް ވަނީ 835.7 މިލިއަން ރުފިޔާ ލިބިފަ އެވެ. އެ އަދަދަކީ މި މުއްދަތުގައި ލިބޭނެ ކަމަށް މީރާއިން އަންދާޒާ ކުރި އަދަދަށްވުރެ 4.3 ޕަސެންޓް އިތުރު އަދަދެކެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ 24.4 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު ލިބިފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ މި މަހުގައި ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓާއި ޖީއެސްޓީ އާއި ބީޕީޓީ އިތުރަށް ލިބިފައި ވާތީ އެވެ.

ވޭތުވެދިޔަ ސެޕްޓެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މިދިޔަ މަހު ޖުމުލަ 315.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ގޮތުގައި ޖުމުލަ 302.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހުގެ ގޮތުގައި 79.3 މިލިއަން ރުފިޔާ މިދިޔަ މަހު ދައުލަތަށް ވަނީ ލިބިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޑޮލަރުގެ ގޮތުގައި 40.3 މިލިއަން ޑޮލަރު ދިވެހި ދައުލަތަށް ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.