12 Oct 2014, 19:35
ކ. ހުރާ ކައިރީގައި އޮންނަ ކްލަބް މެޑް ކަނި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން ގޮސްތިބި ފަތުރުވެރިންތަކެއް ތިބޭ ކޮޓަރިއަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މާލެ ކައިރި އޮންނަ ރިސޯޓެއްގެ ކޮޓަރިއަކުން ތިޖޫރިއަކާ ބައެއް ތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް މިދިޔަ ހުކުރު ދުވަހު ރޭ 11:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކޮޓަރިން ވަގަށް ނެގި ތިޖޫރީގައި 1000 ޔޫރޯ (19،739 ރުފިޔާ) ހުރި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެ ވައްކަން ހިނގާފައި ވަނީ ކޮން ރިސޯޓެއްގައިކަން ފުލުހުން ހާމަ ނުކުރިނަމަވެސް، ސަން އަށް އިނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ކްލަބް މެޑުން ހިންގަމުން އަންނަ ކްލަބް މެޑް ކަނި ރިސޯޓުގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.