12 Oct 2014, 17:34
ލަފާކޮށްފައިވާ އަދަދަށް އާމްދަނީ ނުލިބުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އޮފީސްތަކުގެ ބަޖެޓުން ބައެއް އުނިކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބަޖެޓުގައި ލަފާކުރެވިފައިވާ އާމްދަނީ ލިބުން ތަފާތު ސަބަބުތަކާ ހުރެ ލަސްވަމުންދާ ކަމަށެވެ. އަދި އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އާމްދަނީ މަދުވުމުގެ ސަބަބުން އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަ ކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން އޮފީސްތަކުގެ ބަޖެޓުން މުސާރަ އާއި އެލަވަންސް ކޯޑުތައް ފިޔަވައި ރިކަރަންޓު ކޯޑުތަކުން 20 ޕަސެންޓު މިހާރު އުނިކޮށްފައިވާ ކަމަށާއި ކެޕިޓަލް ކޯޑުތަކުން ޚަރަދު ނުވެ ހުރި ބަޖެޓްގެ ބާކީވެސް މިހާރު ވާނީ އުނިކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.
މިއަހަރަށް ކެބިނެޓުން ފާސްކޮށްފައިވާ ބަޖެޓަކީ 16.5 ބިލިއަން ރުފިޔާ އެވެ. އަދި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 11 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވާ ބަޖެޓަކީ 15.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.