12 Oct 2014, 17:27
އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރައްވާ އަހުމަދު މުހައްމަދަށް ރުހުން ހޯދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރައްވާފައިވާ އަހުމަދު މުހައްމަދުގެ އިންޑިއާގެ ސަފީރު ކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުށަހެޅުއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. މާދަމާގެ ޖަލްސާގައި އޭނާގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް އިއްވެވުމަށް ފަހު، ދާއިމީ ކޮމެޓީއަކަށް އެ ނަންފުޅު ދިރާސާ ކުރުމަށް ފޮނުވާނެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުހައްމަދު، މި ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ވަޑައިގެންނެވީ މިނިސްޓަރު ފެންވަރުގަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ވެސް ވަޑައިގެންނެވީ މިނިސްޓަރު ފެންވަރުގަ އެވެ.