12 Oct 2014, 16:39
އެމެރިކާގައި މިދިޔަ ބުރާސްފަތި ދުވަހު އެބޯލާ ވައިރަސްގެ ސަބަބުން މަރުވި ލައިބީރިއާ މީހާއަށް ފަރުވާކުރި ސިއްހީ މަސައްކަތްތެރިއަކު އެބޯލާއަށް ޕޮޒިޓިވް ވެއްޖެއެވެ.
ޓެކްސަސްގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ލައިބީރިއާގެ ތޯމަސް ޑަންކޭންއަށް ފަރުވާ ކުރި ހޮސްޕިޓަލުގެ ސިއްހީ މަސައްކަތްތެރިއަކު އެބޯލާއަށް ކުރި ފުރަތަމަ ޓެސްޓްތަކުން އޭނާ އެވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަން އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.
ޓެކްސަސް ސްޓޭޓް ހެލްތު ސާވިސަސްގެ ކޮމިޝަނަރު ޑރ. ޑޭވިޑް ލާކޭ ވިދާޅުވެފައި ވަނީ ޑަންކޭން މަރުވި ހާދިސާއަށް ފަހު އެބޯލާގެ ދެވަނަ މައްސަލައެއް އައިސްދާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޑަންކެން އެމެރިކާއަށް ދިއުމަށް ފަހު އޭނާ ބަލިވެގެން ދެއްކި ފުރަތަމަ ފަހަރު އޭނާއަށް ތަދުކަނޑުވާ ބޭސް ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ ލައިބީރިއާއަށް ދަތުރުކޮށްފައިވާނެ ކަމަށް އޭނާ ބުނެފައި ވަނިކޮށެވެ. އޭނާއަށް އެބޯލާ ޖެހިފައިވާކަން ކަށަވަރު ކުރެވުނީ ދެވަނަ ފަހަރަށް އޭނާ ޑޮކްޓަރަށް ދެއްކުމުންނެވެ. އެހާދިސާގެ ސަބަބުން އެމެރިކާގެ ސިއްހީ ނިޒާމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.