23 Jan 2011, 17:14
ހައި ކޯޓަށް އަލަށް ކަނޑައެޅި ފަސް ފަނޑިޔާރުންގެ މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ އެއީ ސިވިލް ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައި އެ މައްސަލައިގެ ފައިލް އެ ކޯޓަށް ފޮނުވުމަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން"ގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ދައުވާ ކުރައްވާ މައްސަލައަކީ ސިވިލް ކޯޓުގައި ބެލިދާނެ މައްސަލައެއްތޯ ބެލުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގެ މައްސަލައެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެ އެވެ.
އެ ރިޓްގައި އަމުރުކޮށްފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް މާދަމާ ހަވީރު ހަތަރެއްގެ ކުރިން އެންގުމަށެވެ.
"...މި މައްސަލައިގައި އިތުރު ފިޔަވަޅެއް ނޭޅުމަށް އެންގުމާ އެކު ސިވިލް ކޯޓުގައި ހިނގަމުންދާ ނަންބަރު [ނަންބަރު] ގަޒިއްޔާގެ ފައިލް 24 ޖެނުއަރީ 2011 ވަނަ ދުވަހުގެ 16:00ގެ ކުރިން މި ކޯޓަށް ފޮނުވުމަށް ސިވިލް ކޯޓަށް އެންގީމެވެ،" މައްސަލަ ނުހިންގުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ކުރުމާ އެކު ސިވިލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ޖޭއެސްސީން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ އެވެ.
ޖޭއެސްސީން ހައި ކޯޓަށް ކަނޑައެޅި ފަސް ފަނޑިޔާރުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒްމެރިލްދާ ޒާހިރާއި ވަކީލު އައްބާސް ޝަރީފެވެ.
-------------------
ހައިކޯޓަށް ނެގި ފަނޑިޔާރުންގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅައި ސުޕްރީމް ކޯޓަށް އެ މައްސަލައިގެ ފައިލް މާދަމާ 4:00 ޖެހުމުގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު ސޮއިކުރައްވައި އަމުރު ނެރުއްވައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނަނީ ޖުޑީޝަލް ސަވިސް ކޮމިޝަނުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަބްދުލްބާރީ ޔޫސުފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ މައްސަލައަކަށްވެފައި، މިމައްސަލަ ބެލުމުގެ އިޚްތިސާސް ސިވިލް ކޯޓަށް ލިބިގެންވޭތޯ ސުޕްރީމް ކޯޓުން ބެލުމަށްޓަކައި، އެކޯޓުގެ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"ގެ ޖަދުވަލުގެ 4 ވަނަ ނަންބަރުގެ ދަށުން މިމައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ފައިލް 24 ޖެނުއަރީ 2011 ވަނަ ދުވަހުގެ 16:00 ގެ ކުރިން ސުޕްރީމްކޯޓަށް ފޮނުވުމަށް ސިވިލް ކޯޓަށް ރިޓް އޮފް ޕްރޮހިބިޝަނަކުން އަންގާ ކަމަށެވެ.
(ތަފުސީލު އަންނަނީ)