ޖިލެޓް ސުޕަ ކްލެސިކޯގައި ބްރެޒިލްއާ ވާދަކޮށް 2-0 ލަނޑުން އާޖެންޓީނާ ބަލިވީ ހެދުނު ގޯހަކުން ކަމަށް އެޓީމުގެ ކެޕްޓަން އަދި ފޯވާޑް ލައިނަލް މެސީ ބުނެފި އެވެ.

ރޭގެ އެ މެޗުގައި ބްރެޒިލް ޖަހާފައިވާ ދެ ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ ޓީމުގެ ފޯވާޑު ޑިއޭގޯ ޓާރްޑެލީ އެވެ. އަދި ޕެނަލްޓީއަކުން އާޖެންޓީނާއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބިފައި ވީ ނަމަވެސް މެސީ ވަނީ އެ ފުރުސަތު ގެއްލުވާލައިފައެވެ.

މެސީ ބުނީ ރޭގެ މެޗުން ބަލިވީ ޓީމަށް ހެދުން ދެ ގޯހަކާއި ގުޅިގެން ކަމަށެވެ.

"މެޗުގެ ނަތީޖާ އެގޮތަށް ނުކުތީ އަހަރެމެންނަށް ހެދުނު ދެ ގޯހަކާ ހެދި. ފުރަތަމަ ގޯލު އެއީ ފުރަތަމަ ގޯސް. އަހަރެންނަށް ލިބުނު ޕެނަލްޓީގެ ފުރުސަތު ގެއްލުން އެއީ ދެވަނަ ގޯސް،" މެސީ ބުންޏެވެ.

ޗައިނާގެ ބެއިޖިންގް ގައި ކުޅުނު އެ މެޗަކީ އާޖެންޓީނާއަށް އާ ކޯޗު ޖެރާޑޯ މާޓީނޯ އައުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އެހެންކަމުން އާ ބަދަލު ތަކަށް ޓީމު ހޭނެމުން އަންނަ ކަމަށް އާޖެންޓީނާގެ ކެޕްޓަން ވަނީ ބުނެފައެވެ.

"މިހާރު ޓީމު މިދަނީ އާ ބަދަލުތަކަށް ހޭނެމުން. އާ ކޯޗެއް އައުމާ ގުޅިގެން ވަރަށް ގިނަ ކަންތައްތައް ބަދަލު ވަމުން އަންނަނީ. އާ ކަންތައްތައް އެކްސްޕެރިމެންޓު ކުރަމުން މިދަނީ. އަދި ރަނގަޅު ވާނެ ކަމަށް މި އުއްމީދު ކުރަނީ،" މެސީ ބުންޏެވެ.