އިރާގުގައި ވެރިކަން ކުރާ ސިއައިގެ މީހުންނާ ދެކޮޅަށް ސުންނީ މުސްލިމުން ހިންގާ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަނިކޮށް، ބާރުގަދަ ބޮމެއް ގޮއްވާލައި އިރާގުގެ އަންބާރު ޕްރޮވިންސުގެ ޕޮލިސް ޗީފް މަރާލައިފި އެވެ.

ބައިނަލްއަގުވާމީ ނިއުސް އޭޖެންސީ، އޭޕީ އިން މިއަދު ބުނީ އަންބަރު ޕްރޮވިންސަކީ މި އަހަރު ކުރީކޮޅުން ފެށިގެން އަލްގައިދާގެ ބްރޭކްއަވޭ ގްރޫޕު ނޫނީ "އިސްލާމިކް ސްޓޭޓް" އިން ކޮންޓްރޯލު ކުރަމުން އަންނަ އޭރިއާއެއް ކަމަށެވެ. އަދި ހަތިޔާރު އެޅި ސުންނީ އެހެން ޖަމާއަތަކުން ފަލޫޖާ ކޮންޓްރޯލު ކުރާ ކަމަށެވެ.

އަންބާރު ޕްރޮވިންސުގެ އޮފިޝަލަކު އޭޕީ އަށް މިއަދު ބުނީ ބާރުގަދަ ބޮން ގޮވާލައި ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަލް ދުލައިމީ މަރުވީ އޭނާގެ ކޮންވޭގައި އެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އޭޕީ އަށް ވާހަކަ ދެއްކި އޮފިޝަލް ބުނީ އެ ހާދިސާ ހިނގައި ޕޮލިސް ޗީފް މަރާލީ، އެ ސަރަހައްދު ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނިތާ އެއް ދުވަސް ނުވަނީސް ކަމަށެވެ.

ޖެނެރަލް އަހުމަދު އަލް ދުލައިމީ މަރުވި ހާދިސާގައި އިތުރު ބަޔަކު މަރުވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ޖެނެރަލް އަހުމަދު އަލް ދުލައިމީ މަރުވެއްޖެ ކަން ކަށަވަރުކޮށްދީ އިރާގުގެ އިންޓިރިއާ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުލައިމީ އަކީ އަމިއްލަ ނަފުސު ނުރައްކަލާ ކުރިމަތިވިޔަސް އިދިކޮޅު ފަރާތްތަކާ ކުރިމަތި ލެއްވުމުގައި ނަމޫނާއެއް ކަމަށެވެ.

އަންބަރުގެ ބޮމުގެ ހާދިސާ ހިނގި ދުވަހަކީ މުޅި ބަގުދާދުގައި ވެސް ގިނަ ހަމަލާތަކެއް ހިނގާފައިވާ ދުވަހެކެވެ. އަދި ޖުމްލަ 45 މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ. ނަމަވެސް އިރާގު ސަރުކާރުން ބުނީ ސީއައިގެ ސަރަހައްދުތަކަކީ ސުންނީ މުސްލިމުންގެ އަމާޒު ފަތްގަނޑަށް ހަދާފައިވާ ތަންތަން ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެމެރިކާ ސިފައިން އިރާގުން ފޭބިފަހުން އިރާގަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ "އިސްލާމިކް ސްޓޭޓް" އަށް ނިސްބަތްވާ މީހުންގެ ގޮންޖެހުންތައް ވަކިން ބޮޑެވެ.