މިޒޫރީ (އޮކްޓޯބަރ 12) : އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެގައުމުގެ ކަލުނަސްލު އިތުރު ޒުވާނަކު މިޒޫރީގައި މިދިޔަ ހުކުރު ދުވަހު މަރުވުމާ ގުޅިގެން އެމެރިކާގެ މަދަނީ ހައްގުތަކުގެ ނިޒާމް އިސްލާހްކުރުމަށާއި ކަޅުމީހުންނާއި އެނޫން ވެސް ބައިމަދު ނަސްލުތަކުގެ މީހުންގެ ހައްގުތައް ޙިމާޔަތް ކުރުމަށް ގޮވާލައި ކުރަމުން ގެންދާ އިޙްތިޖާޖްތައް ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެވެ.

އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުން ގެންދާ މި މުޒާހަރާތަކަށް ތިން ދުވަސްވެފައިވާ އިރު ހައެއްކަ ހާސް މީހުން މިއިޙްތިޖާޖްތަކުގައި ބައިވެރިވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. މުޒާހަރާކުރާ މީހުން ވަނީ މިޒޫރީ ސްޓޭޓްގެ ސެންޓް ލުއިސްއިން ފެށިގެން ފާގަސަން ސިޓީއާ ހަމައަށް މެދުނުކެނޑި ހިނގާލުމެއް ބާއްވާފަ އެވެ. މިއީ 20 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މުޒާހަރާކުރާ މީހުން އުފުލަމުންދާ ޝިޢާރުތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓްތަކުގެ ފުލުހުންގެ އަމަލުތައް އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކުން ބޭރުގައި ވާކަން ބަޔާންކުރާ ޝިޢާރުތަކާއި އެމެރިކާގައި ނަސްލީ އިމްތިޔާޒުގެ އަމަލުތައް ފުޅާދާއިރާއެއްގައި އަދިވެސް ހިންގަމުން ގެންދާކަމުގެ ޝިޢާރުތައް ހިމެނެ އެވެ. މީގެއިތުރުން ކަޅުމީހުންނާއި ބައިމަދު އެހެން ނަސްލުތަކުގެ މީހުންނަށް އެމެރިކާގައި އިންސާފު ނުލިބޭކަމުގެ ޝިޢާރުތަކާއި އެމެރިކާގައި ކަޅުމީހުންގެ ލޭގެ އަގެއްނެތްކަމުގެ ޝިޢާރުތައްވެސް ހިމެނެ އެވެ.

އެމެރިކާއަކީ ދޮންމީހުން ކަޅުމީހުންގެ މައްޗަށް އަނިޔާވެރިވުމާއި ނަސްލީ ގޮތުންނާއި މަދަނީ ހައްގުތަކުގައި ތަފާތު ކުރުމުގެ ދިގު ތާރީޚެއް އޮންނަ ގައުމެކެވެ. އެމެރިކާގެ މިސޫރީ ސްޓޭޓްގެ ފުލުހުންގެ އަނިޔާވެރިކަމުގައި މިދިޔަ ހުކުރު ދުވަހު މަރުވެފައި ވަނީ ކަޅު ނަސްލުގެ 18 އަހަރުގެ ޒުވާނެއް ކަމަށްވާ ފޮންޑްރައިޓް މަޔަޒް އެވެ. މަޔަޒް މަރުވެފައި ވަނީ މިސޫރީގެ ފުލުހުން އޭނާގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާ ގުޅިގެންނެވެ. މިސޫރީގެ ފުލުހުން މިފަދަ ޙާދިސާއެއްގައި މިދިޔަ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުވެސް އެސްޓޭޓްގެ ކަޅު ނަސްލުގެ ޒުވާނެއް ކަމަށްވާ މައިކަލް ބްރާވްން މަރާލާފައިވެ އެވެ.
މައިކަލް މަރާލާފައިވަނީ މިސޫރީގެ ފުލުހަކު އޭނާގެ ހަށިގަނޑަށް 18 އުންޑަ ފޮނުވާލައިގެންނެވެ. އެޙާދިސާއާގުޅިގެން ކަޅުނަސްލުމުގެ މީހުންގެ ވަރުގަދަ އިޙްތިޖާޖްތަކެއް މިޒޫރީގައި އެތަށް ދުވަހެއްވަންދެން ކުރިޔަށް ދިޔަ އެވެ. އަދި އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންނާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ހަފްތާއަކަށްވުރެ ގިނަ ދުވަސްވަންދެން މުޒާހަރާތަކާއި އިޙްތިޖާޖްތައް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށްވެސް އެފުލުސް މީހާގެ މައްސަލަ ބަލައި އޭނާއަށް އަދަބެއް ދީފައިނުވުމުގެ އިތުރުން އޭނާގެ އަނިޔާވެރިކަމުގެ މައްސަލަ ބަލައި ކޯޓުން ޙުކުމެއްވެސް އިއްވާފައިނުވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. )ރޮއިޓާސް)