އިރާގުގެ ވެރިރަށް ބަޣްދާދަށް ހަމަލާދިނުމަށްޓަކައި އެގައުމުގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ 10،000 ހަނގުރާމަވެރިން އެ ރަށުގެ ބޭރުގައި ތައްޔާރަށް ތިބިކަމަށް އިރާގުގެ އޮފިޝަލުންނާ ހަވާލާދީ ޓެލެގްރާފް ނޫހުން ބުނެފި އެވެ.

ވަރުގަދަ ހަތިޔާރުތަކާއެކު ހަނގުރާމަވެރީންގެ ބައިބޯ ލަޝްކަރެއް ބަޣްދާދު ވަށާލަމުންދާއިރު، އިރާގު ސަރުކާރުން ވަނީ، އެގައުމުގައި ބިމުގެ ލަޝްކަރުތައް ރުކުރުވާލުމަށް އެމެރިކާއަށް ގޮވާލައިފައެވެ.

ބަޣްދާދާ އިންވެގެން އޮންނަ އަންބާރު ޕްރޮވިންސްގެ ޕްރޮވިޝަނަލް ކައުންސިލްގެ ރައީސް ޞަބާޙް އަލް ކަރްހޫތު ވިދާޅުވީ، އޭނާގެ ޕްރޮވިންސްގެ ބޮޑުބައެއް މިހާރު ވަނީ، އައިއެސްއައިއެސްގެ ބާރުގެ ދަށުގައި ކަމަށެވެ.

ޓެލެގްރާފުން ބުނެފައިވާ ގޮތުގައި، "އެމެރިކާ މީހުންގެ ގަބުރުސްތާނު"ގެ ގޮތުގައި ނަންދެވިފައިވާ އަންބާރުގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ފަލޫޖާއާއި ރަމަދީގައި އެމެރިކާސިފައިންގެ އެއްގަމު ފައުޖުތަށް ރުކުރުވާލުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

އަނެއްކޮޅުން އައިއެސްއައިއެސްގެ ބާރުގެ ދަށަށް މުޅި އަންބާރު ގެންގޮސްފި ނަމަ، ހަނގުރާމަވެރިން ކުރިއަށްޖެހި، ކަންބޮޑުވެފައިވާ އިރާގުގެ ސިފައިންނަށް އެހީތެރިވުމަށް ގޮސްތިބި، އެމެރިކާގެ 1،500 ސިފައިންނަށް އޭގެ ނުރައްކާ ބޮޑުވާނެއެވެ.

ސީރިއާގެ ބޯޑަރު އަވަށެއް ކަމަށްވާ ކޮބާނީގައި ސީރިއާގެ ކުރުދީންނާއި، އައިއެސްއައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު އޭގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީވެސް އަންބާރު ޕްރޮވިންސަށް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ހޮނިހިރު ދުވަހު އަންބާރު ޕްރޮވިންސްގެ ވެރިކަންކުރާ ރަމަދީގައި އިރާގު ސިފައިންނާއި އައިއެސްއައިއެސްގެ ހަނގުރާމަވެރީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، އެމެރިކާގެ އޮފިޝަލުން ވަނީ، އެ ރަށް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ބުނެ އިންޒާރުދީފައެވެ.

"އަހަންނަށް ހީވަނީ އެތަން މިހާރު އޮތޯ ވަރަށް ނާޒުކު ހާލަތެއްގައި. އެމެރިކާގެ ދިފާއީ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ. "އެމީހުން ދަނީ އަނެއްކާވެސް އެ ސަރަހައްދަށް އަތްގަދަކުރަމުން. އެއީ ވަރުގަދަ އަދި ޗެލެންޖިން ކަމަކަށް ވާނެ."

އައިއެސްއައިއެސްގެ ހަނގުރާމަވެރިން ކޮބާނީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ރަށަކީ އެމީހުންގެ ވެރިޔާ އަބޫބަކުރު އަލް-ބަޣްދާދީ، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދަންތުރައެއްގެ ގޮތުބޭނުންކުރި ރަށަކަށް ވުމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އަދި އިރާގު އަސްކަރިއްޔާއާ އެކު އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަންއަށް އަންބާރުގެ ރަމަދީއަށް ފުރިހަމަ ބާރު ފޯރުވިއްޖެ ނަމަ، ކޮބާނީއަކީ ހަނގުރާމަވެރިންނަށް ރައްކާތެރި ތަނަކަށް ނުވާނޭ ކަމަށްވެސް އެފަރާތްކުން ދެކެއެވެ. – (އަލް އަރަބިއްޔާ)