ތޫފާން ހުދުހުދު އެރުމުގެ ސަބަބުން އިންޑިއާއިން ތިން މީހުން މަރުވެއްޖެ އެވެ.

ރޮއިޓާސް ބުނީ އިންޑިއާގެ ވިސަކްޕަޓްނަމް ކިޔާ ރަށަކަށް އެރި އިރު އެތޫފާނުގެ ވައި ހުރީ ގަޑިއަކު 195 ކިލޯ މީޓަރުގެ ބާރުމިނުގައި ކަމަށެވެ. އަދި ތޫފާނުގެ ސަބަބުން އެރަށުގެ އިމާރާތްތަކަށް ގެއްލުން ލިބުނު ކަމަށާއި ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރި ނަމަވެސް ތިން މީހުން މަރުވި ކަމަށް ވެސް ބުންޏެވެ.

ވިސަކްޕަޓްނަމް އަކީ ދެ މިލިޔަން މީހުން ދިރިއުޅޭ އަދި އިންޑިއާގެ ކަނޑުގެ ސިފައިންގެ މައި ބޭހެއް އޮންނަ ރަށެކެވެ. ތޫފާން އެރަށަށް ގޮނޑުވާތީ އެ ރަށުން 150،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ އޮޕަރޭޝަނެއް އިންޑިއާ ސަރުކާރުން ވަނީ ހިންގާފަ އެވެ.

ހުދުހުދުގެ ނުރައްކަލުން ސަލާމަތް ވުމުގެ ގޮތުން އެތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ އިންޑިޔާގެ އިރުމަތީ ސަރަހައްދުތަކުގެ ރަށްފުށުގެ ބައެއް ހިސާބުތަކުން ދެލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރު އިތުރު ތިން ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމުގެ ފުރުސަތު އޮރިއްސާގެ ލޯކަލް ސަރުކާރުން ވެސް ވަނީ ތަނަވަސްކޮށްދީފަ އެވެ. ހުދުހުދުގެ ނަމުން ނަންދީފައިވާ ތޫފާން އަރާނެ ކަމަށް ބެލެވިފައިވާ އިންޑިޔާގެ ސްޓޭޓްތަކުގެ ތެރޭގައި އޮރިއްސާގެ އިތުރުން އަންދްރާ ޕްރަދޭޝް ވެސް ހިމެނެ އެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މިތޫފާން އަރާނެ ކަމަށް ބެލެވޭ ވިލެޖްތަކުން ފަސް ލައްކަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދެވިފަ އެވެ.
މިއީ މިއަހަރު ތެރޭގައި އިންޑިޔާ އަށް އަރާ އެންމެ ބާރު ގަދަ ތޫފާން ކަމަށް ވެސް އެގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނެފައިވެ އެވެ.