12 Oct 2014, 15:39
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ބާއްވަމުން އަންނަ "ޒުވާނުންގެ ޤައުމީ އިނާމް"، ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ 2014 އަދި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ޤައުމީ އިނާމް 2014 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުގައި ޒުވާނުން ކުރަމުން އަންނަ މަސްއްކަތްތަކުގެ އަގު ވަޒަންކޮށް އަދި ޒުވާނުންނަކީ މަސައްކަތަށް ޝައުގުވެރިވާ ގައުމުގެ ކުރިއެރުމަށް މަސަތްކަތްކުރާ ހަރުދަނާ ކުރާ ބަޔަކަށް ހެދުމަށްޓަކައި އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މި އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރުގެ ދެމެދުފުރާގެ ޒުވާނުންނާއި ޒުވާނުންގެ ތަރައްޤީއަށް މަސަތްކަތްކުރާ ކްލަބް/ޖަމިއްޔާ ތަކަށެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި އިނާމަށް އެދި ހުށަހަޅަންޖެހޭ ފޯމް އެ މިނިސްޓްރީންނާއި އެމިނިސްޓްރީގެ ވެބްސައިޓުންނާއި މާފަންނު ޒުވާނުންގެ މަރުކަޒުގެ އިތުރުން އަތޮޅު ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ.
ޔޫތް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 20 ވާ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެޕްލިކޭޝަން ފޯމްތައް މާފަންނު ޒުވާނުންގެ މަރުކަޒަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.