12 Oct 2014, 15:29
ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި، އެއްޗެއް ހުރި ހަންތަކެއް ފުވައްމުލަކު ފަޅުގެއެއްގެ ތެރެއިން ހޯދައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ފަޅު ގެއެއްގެ ތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެއްހިތަކެއް އަޅާފައި ހުރި ފަސް ލީޓަރުގެ ދެ ހަން ވަނީ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ ފުލުހުންގެ ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ޕްރައޯރިޓީސްތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރުކުރުމާއި ޓްރަރިޒަމާއި އިންސާނުން ޓްރެފިކްކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ފުވައްމުލަކުގައި ހަދާފައި ހުރި ހަޓެއްގެ ތެރޭ ބަނގުރާ ބޯން ތިބި ބަޔަކު ވެސް ހައްޔަރު ކޮށްފަ އެވެ.