12 Oct 2014, 14:30
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިތާ ނުވަ މަސްފަހުން، އަލުން ފުޓްބޯޅަ ކްލަބަކާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ޑޭވިޑް މޮއިސް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމަށް މޮއިސް ގެނައީ، އެ ކްލަބުގެ ކޯޗު ކަމުގައި 27 އަހަރު ހޭދަކޮަށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މަޝްހޫރު ކޯޗު ސާ އެލެކްސް ފާގަސަން އެވެ.
މޮޔިސް ބުނީ ޔުނައިޓެޑްގެ ކޯޗު ކަމަށްފަހު ލިބުނު 'ބްރޭކް'އަށް ފަހު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި މިހާރު ބޭނުންވަނީ އަނެއްކާވެސް އެނބުރި ކޯޗުކަމުގެ މަސައްކަތައް ނުކުންނަން ކަމަށެވެ.
"އަހަރެން މިހުރީ ދާން ތައްޔާރަށް. ފުޓްބޯޅަ މެނޭޖު ކުރަން ތައްޔާރު. ލިބުނު ބްރޭކް ރަނގަޅަށް ހޭދަ ކުރެވިއްޖެ. އަހަރެންނަކީ ފުޓުބޯޅައިގެ މީހެއް. މިހާރު ބޭނުން ވަނީ، މަސައްކަތައް ނުކުންނަން. މެނޭޖަރަކަށް ބަލާއިރު އަހަރެން އަދި ވަރަށް ޒުވާން،" މޮއިސް ބުންޏެވެ.
މޮއިސް ބުނީ މެންޗެސްޓާގައި މަސައްކަތް ކުރި ދުވަސްކޮޅުގެ ތެރޭގައި ރަނގަޅު ތަޖްރިބާތަކެއް ލިބި ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.
"އަހަރެން ދަސްކުރަން ބޭނުންވާ އެއްޗެހި ވަރަށް ބައިވަރު އަދިވެސް އެބަހުރި. މިކަހަލަ ވަޒީފާއެއްގައި ކަންތައް ވާގޮތް މިހާރު ކުރިއަށް ވުރެ ބޮޑަށް އެނގޭނެ. މެންޗެސްޓާއިން އަހަންނަށް ވަރަށް ގިނަ އެއްޗެހި ދަސްކޮށްދިން،" މޮއިސް ބުންޏެވެ.