ބައިނަލްއަގުވާމީ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ޓީޔޫއައިގެ ފަރާތުން ދޭ އިންޓަނޭޝަނަލް އެންވަޔަރަމަންޓް އެވޯޑް ފުރަތަމަ ފަހަރަށް ކުރަމަތި އައިލެންޑް ރިސޯޓުގެ އީކޯ ސެންޓަރަށް ލިބުނީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތައް އާލާކުރުމަށް ރިސޯޓުން މަސައްކަތް ކުރަމުންދާތީ ކަމަށް އެ ރިސޯޓުގެ ޖެނެރަލް މެނޭޖާ އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އެ ރިސޯޓާއި އެ އެވޯޑް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެ ރިސޯޓުގައި އެކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ޝަރަފްވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އެ ރިސޯޓަށް އެވޯޑާ އެކު ވަނީ 10،000 ޔޫރޯ ހަދިޔާކޮށްފަ އެވެ.

ކުރަމަތީ ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަބްދުއްލަތީފް ވިދާޅުވީ އެފަދަ އެވޯޑެއް ލިބުމުގެ ފަހަތުގައި ވަނީ އެ ރިސޯޓުން ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތައް އާލާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި އެގޮތުގައި ދެމިތިބޭނެ ކަމަށެވެ.

މިއީ އޭޝިޔާ ޕެސިފިކް ސަރަހައްދުން އެ އެވޯޑް ރިސޯޓަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ޔުނިވާޝަލް އެންޓަޕުރައިސަސް ފަރާތުން އޮޕަރޭޓް ކުރަމުން އަންނަ އެ ރިސޯޓުގެ އިކޯ ސެންޓަރަކީ 1998 ވަނަ އަހަރު ގާއިމް ކުރެވުނު ސެންޓަރެކެވެ. އެ ސެންޓަރުން އަންނަނީ ރާއްޖޭގެ ވެއްޓާއި ފަރުތަކާ ގުޅޭ ގޮތުން ތަފާތު މައުލޫމާތުތައް ޓޫރިސްޓުންނާއި އާންމު ރައްޔިތުންނަށް ދީ މުޖުތަމައު ހޭލުންތެރި ކުރުވަމުންނެވެ. އަދި ފަރުތަކާއި ވެށި ހިމާޔަތް ކުރުމުގެ ތަފާތު ޕުރޮގްރާމްތައް ވެސް އެ ސެންޓްރުން އަންނަނީ ހިންގަމުންނެވެ.

ޓީޔޫއައިޓީގެ އެންވާރު މެންޓް އެވޯޑަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ޓޫރިޒަމްގެ ހަރަކާތްތައް ހިންގަމުން އަންނަ ފަރާތްތަކަށް 1991 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގެ އެވޯޑެކެވެ. މިއީ ރާއްޖޭގެ ރިސޯޓަކަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.