މިދިޔަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި ލ. ގަން، ތުނޑި ވްޑުލޭންޑް އަހްމަދު ނިޒާރުގެ ވާރިސުންގެ ނަންތައް ހުށަހެޅުމަށް ޖުވެނައިލް ކޯޓުން ދައުލަތަށް އަންގައިފިއެވެ.

ނިޒާރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ނިޒާރުގެ ވާރިސުންގެ ނަންތައް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ޑޮކިއުމެންޓްރީ ހެކިތަކުން ޝަރީއަތަށް ސާބިތުކޮށްދޭން ބޭނުންވާ ކަންތައްތަކާއި އެ ހެކިތަކާ މައްސަލައާ ހުރި ގުޅުމާ ބެހޭ ގޮތުން ދައުލަތުންގެ ފަރާތުން މިއަދު ވާހަކަދައްކާފައިވާ ކަމަށެވެ.

ޑޮކިއުމެންޓްރީ ހެކިތަކާ ގުޅޭގޮތުން ވާހަކަދައްކަން އެކުއްޖާގެ ދިފާއީ ވަކީލަށް ފުރުސަތު އެރުވުމުން ތައްޔާރުވެވިފައިނުވާތީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.

އޮފިޝަލް ވިދާޅުވީ ގަމު ރީޖިނަލް ހޮސްޕިޓަލްގައި ނިޒާރު ބެއްލެވި ޑޮކްޓަރާއި އެ މައްސަލައިގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރެއްވި ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގަތްކަމަށެވެ. އަދި އެކަމަށް ދައުލަތުގެ ފަރާތުން އިއުތިރާޒު ކުރައްވާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުންދެކުނުން އުތުރަށް އަހްމަދު ނިޒާރު ސައިކަލުގައި ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އެ ކުއްޖާއާ އިތުރު ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މަރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.