12 Oct 2014, 13:22
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރިކަމަށް ތިން ފުލުހަކު ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ތިން ފުލުހުން ވެސް ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނޑައިދޫގައި އޭނާ ހުންނަވަނިކޮށް ކުޑަކަމުދާއެއްޗިހި ދިނުމަށް އެންގުމުން ކަނޑައެޅިގެން ހާމިދު އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ ތިން ފުލުހުން ވެސް ބުނީ ކުޑަކަމުދާއެއްޗިހި ދިނުމަށް ހާމިދަށް އަންގާފައި ވަނީ ފޯމަކުން ކަމަށާއި އެ ފޯމް ދައްކަން އުޅުމުން ފުލުހުން ދައްކާ އެއްވެސް އެއްޗެއް ބަލަން ހާމިދު ބޭނުންނުވި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައި ވަނީ ހާމިދަށް ކުޑަކަމުދާތަކެތި ދޭން އެންގި ފުލުސް މީހާ އާއި އަދި އެއެންގުން އެންގި އިރު ހާޒިރުވެތިބި ދެ ފުލުހުންނެވެ.
ހާމިދުގެ ވަކީލު ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަދި ހާމިދުގެ ކޮއްކޮ ހުސައިން ޝަމީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ތިން ފުލުހުން ވެސް ބުނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އަންގާފައި ވަނީ ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް މުހައްމަދު ހުއްދަ ދެއްވުން ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރެއްވި އިންވެސްޓިގޭޝަން އޮފިސަރާއި ކުޑަކަމުދާއެއްޗި ނެގުމަށް ހުއްދަދެއްވި ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝަމީމް އެދިވަޑައިގަތެވެ. ނަމަވެސް އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ދެ ފުލުހުން ކޯޓަށް ހާޒިރުކުރަން ފެނިއްޖެ ނަމަ ކޯޓުން ހާޒިރުކުރާނެ ކަމަށެވެ.
ހޮނޑައިދޫގައި ހުންނަވަނިކޮށް ކުޑަކަމުދާއެއްޗި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޖާބިރުގެ މައްޗަށް ކުރި ހުކުމްގެ ދެބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމުނު ފަހުން ރައީސުލްޖުމްހޫރިއްޔާ އަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ލިބޭ ގާނޫނުގެ ދަށުން އޭނާ އަށް މައާފްދެއްވައި ވަނީ ޖަލުން މިނިވަންކުރައްވައިފަ އެވެ.