ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ފެތުރޭ ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިގެން އެމެރިކާގައި މީހަކު މަރުވުމާ ގުޅިގެން އެ ވައިރަސް އަށް ސުކްރީން ކުރުމުގެ މަސައްކަތް އެގައުމުން ވަރުގަދަކޮށްފި އެވެ.

ރޮއިޓާސް ބުނީ ހުޅަނގު އެފްރިކާގެ ތިން ގައުމަކުން އަންނަ މީހުން ސްކްރީންކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އެއާޕޯޓްގައި ކަމަށެވެ. އެގޮތުން އެއާޕޯޓް ވެފައި ވަނީ ގިނީއާއި ލައިބީރިއާއާއި ސިއެރަލިއޯން އިން އަންނަ މީހުން ވަރުގަދައަށް ސްކްރީން ކުރުމުގެ މަސައްކަތް އެމެރިކާގައި ފެށި އެންމެ ފުރަތަމަ އެއާޕޯޓަށް ކަމަށް ވެސް ބުންޏެވެ.

އެތިން ގައުމުން އެމެރިކާ އަށް ދަތުރުކުރާ ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް ދަނީ ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އެއާޕޯޓާއި ނިއުވާކްގެ ލިބަޓީ އެއާޕޯޓާއި ވޮޝިންޓަންގެ ޑޫލްސް އެއާޕޯޓާއި ޗިކާގޯގެ އޮ ހެއާ އެއާޕޯޓާއި އެޓްލާންޓާގެ ހާޓްފީލްޑް ޖެކްސަން އެއާޕޯޓަށެވެ. ޖޯން އެފް ކެނެޑީ އެއާޕޯޓްގެ އިތުރުން އަނެއް ހަތަރު އެއާޕޯޓްގައި ވެސް ސްކްރީން ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ވަރުގަދަ ކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުގައިވެ އެވެ.

އެބޯލާ ޖެހިގެން އެމެރިކާގައި މީހަކު މަރުވީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޑެލާސްގައި މަރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެޑްމިޓްކޮށް، ފަރުވާދެމުންއައި ލައިބީރިއާ މީހެއް ކަމަށްވާ ތޯމަސް އެރިކް ޑަންކޭން އެވެ.

އެބޯލާ ޖެހިގެން އެކި ގައުމުތަކުން ޖުމްލަ 4000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ.