12 Oct 2014, 13:01
އެބޯލާގެ ބިރާ ގުޅިގެން އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ފަސް ކުރުމަށް މޮރޮކޯއިން އެދިފައި ވީނަމަވެސް އެ އެދުމަކަށް އިޖާބަދެވެން ނެތްކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ބުނެފި އެވެ.
މުބާރާތް ފަސް ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް ސީއޭއެފްއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލައާ ގުޅިގެން އަންނަ އަހަރުގެ ކަޕްއޮފް ނޭޝަންސް ބޭއްވުމަށް ހަމަޖެހިފައިވާ މޮރޮކޯއާ އެކު އެ ކޮންފެޑެރޭޝަނުން އަންނަ މަހު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީގެ 17ގައި ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތް ފެބްރުއަރީ އަށަކަށް ފަސްކުރަން ބޭނުންވާ ކަމަށް މޮރޮކޯއިން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ނަމަވެސް އެ އެދުމަށް އިންކާރު ކުރަމުން ސީއޭއެފް އިން ބުނީ މުބާރާތް ކުޅޭ ތާރީހު ބަދަލު ކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ވާހަކަ ދައްކައިފިން ވޯލްޑް ހެލްތު އޯގަނައިޒޭޝަނާ. ހަނދާން ކުރަން ޖެހޭނެ 1957 ވަނަ އަހަރަށް ފަހު އެއްވެސް އެފްރިކަން ކަޕެއް ލަސް ކުރެވިފައި ނުވާކަން. އެހެންވީމާ މިފަހަރުގެ ކަޕްވެސް ލަސް ކުރެވޭކަށް ނެތް،" ސީއޭއެފް އިން ބުނެފައި ވެއެވެ.
ލައިބީރިއާ އާއި ގީނިއާ އަދި ސިއެރާ ލިއޯންގައި އިންޓަނޭޝަނަލް މެޗުތައް ކުޅުން ސީއޭއެފްއިން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ގީނިއާ އަދި ސިއެރާ ލިއޯންގައި ނޭޝަންސް ކަޕް ކުޅޭނެ ކަމަށް ބުނެފައި ވެއެވެ.