މީހަކަށް އަނިޔާކުރި ކަމުގެ ދައުވާ ލިބޭ ފުލުހަކު ސަސްޕެންޑް ނުކޮށް ބެހެއްޓުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވީ އޭނާ އަށް އަނިޔާކުރި ކަމުގެ ދައުވާ އުފުލާފައިވާ މއ. ރަވްޝާ އިބްރާހިމް ފައިސަލް އަދި ވެސް ފުލުހުންގެ ވަޒިފާ އަށް ނިކުމެވޭތީ އެކަމަށް އިޝާރަތް ކުރައްވަ އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު 8 ވަނަ ދުވަހު އޭނާ އަށް އަނިޔާކުރި ކަމުގެ ދައުވާ ލިބޭ ފުލުސް މީހާއާ ދެކޮޅަށް ހެކިބަސް ދީފައި ރައްކާތެރިކަން އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ވަޒީފާގައި އެބަހުރޭ ޕްރިސެކިއުޓާ ޖެނަރަލަށް [ގަބޫލުކުރެވޭ] ހެއްކާއި ގަރީނާ އެބަހުރި ކަމަށް ފެނިވަޑައިގަނެގެން ދައުވާކުރި މީހާ. އަދި އަޅުގަނޑަށް އެ ދުވަހު ވެސް ފެނިގެން ދިޔައީ އެންމެ ފުލުހެއް ނޫން އަނިޔާކުރީ. ހަތް ވަނަ ދުވަހު ވެސް އަށް ވަނަ ދުވަހު ވެސް އަނިޔާކުރި، ގްރޫޕެއް ހެން އައިސް ތަޅައިގަތީ. އެހެން ކަމަށްވާ އިރު އޭނާ [އިބްރާހީމް ފައިސަލް] އެ ވަޒީފާގައި ބަހައްޓާފައި ހުރުމުން ކަންބޮޑުވޭ. އެތައް ބައިވަރު ފުލުހަކު އަނިޔާކުރި ކަމަށްވާ އިރު އެމީހުން އެތަނުގައި ތިއްބައި އެމީހުންނާ ދެކޮޅަށް ހެކި ބަސްދީގެން އަޅުގަނޑުމެންގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ވިސްނަން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އޭނާ އަށް އަނިޔާކުރި ކަމަށް ބުނާ ފުލުސް މީހާއާ އެނާއާ ދެމެދު ކޯޓުން ތަފާތު ކުރުންތަކެއް ގެންގުޅިފައިވާ ކަމަށެވެ. އެގޮތުން އޭނާ އަކީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށްވާ އިރު ވެސް އޭނާ އަށް ކޯޓަށް ހާޒިވާން ޗިޓް ފޮނުވީ އޭނާގެ ގެއަށް ކަމަށާއި ނަމަވެސް ފުލުސްމީހާ އަށް ޗިޓް ހަވާލުކުރީ ފުލުސް އޮފީހަށް ކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ކޯޓަށް ހާޒިރުވުމުގެ އަމުރު ހާޒިރުކުރަން ވެގެން އަންނަނީ އަޅުގަނޑުމެންގެ އަމިއްލަ ގެއަށް. އެކަމު ގާނޫނުން އަޅުގަނޑުމެނަކީ އިމްތިޔާޒްތަކެއް ލިބިފައިވާ ބައެއް. އަޅުގަނޑުމެނަކީ ގައުމުގެ ސަލާމަތީ ބާރުތަކަށް ވެސް އަޅުގަނޑުމެން ރައްކާތެރިކޮށްދިނުމަށް ގާނޫނު އަސާސީ އިން ޝަރުތުކުރާ ބައެއް. ނަމަވެސް އެ ފުލުސް މީހާ، އެ އަނިޔާކުރި މީހާ، އެއީ ފުލުހަކަށްވާ އިރު އޭނާ އަށް އެ ޗިޓް ހަވާލުކުރައްވަނީ ފުލުސް އޮފީހަށް ކަމަށް މި އެނގިގެން ދިޔައީ،"

ފެބްރުއަރީ8، 2012 ވަނަ ދުވަހު މާރިޔާ އަށް އަނިޔާކުރި ކަމުގެ ދައުވާ ލިބޭ އިބްރާހިމް ފައިސަލް މިއަދު ޝަރީއަތަށް ހާޒިރު ނުވުމުން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. ފައިސަލްގެ މައްޗަށް އުފުލާފައި ވަނީ މާރާމާރީގެ ހިންގިކަމުގެ ކުށުގެ ދައުވާ އެވެ.