12 Oct 2014, 12:49
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ އާޖެންޓީނާ އަތުން ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި ދުނިޔޭގެ ދެވަނަ ޓީމް އަތުން މޮޅުވެވުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ބްރެޒިލްގެ ކޯޗު ކާލޮސް ޑުންގާ ބުނެފި އެވެ.
ޗައިނާގެ ބެއިޖިންގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ، ފޯވަޑް ޓެރާޑްލީ ކާމިޔާބުކުރި ގޯލްތަކާއިއެކު 2-0 ންނެވެ.
" އެމީހުން އަތުން މޮޅުވުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެން މިދިޔައީ. ޚާއްސަގޮތެއްގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅޭނަމަ އެވާނީ ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި މެޗަކަށް. އެހެންވެ މިފަދަ މެޗަކުން ކުރިލިބުމުން އަހަރެމެންގެ އުއްމީދުތައް އާވޭ. ވޯލްޑް ކަޕުގެ ހިތި ހަނދާންތައް ނައްތާލަން މިކަހަލަ ނަތީޖާ ތަކެއް އެބަ ނެރެން ޖެހޭ ކުރިއަށް އޮތްތާނގައިވެސް، " ކޯޗު ޑުންގާ ބުންޏެވެ.
ޑުންގާ ވަނީ އެ މެޗު އިންސާފު ކުރި ޗައިނާގެ ރެފްރީ ފަން ކީ އަށް ފާޑު ކިޔާފައެވެ.
" މި މެޗަކީ ފްރެންޑްލީއެއް ނޫން. މިއީ ކަޕް ފައިނަލެއްކަހަލަ މެޗެއް. އޭނާ މިކަހަލަ މެޗަކަށް ނުކުތީ ރަނގަޅަށް ތައްޔާރު ނުވެ. ހަގީގަތުގައި ވަރުގަދަ މެޗްތަކަށް ނުކުންނަ އިރު ތަޖުރިބާ ހުންނަން ޖެހޭނެ. ނަސީބު ދެރަކަމުން މި މެޗުގައި އޭނަގެ ފަރާތުން އެބަހުރި ވަރަށްގިނަ ގޯސްތަކެއް ހެދިފައި،" ޑުންގާ ބުންޏެވެ.
މެޗުގައި ނުރައްކާތެރި ގިނަ ފައުލަތަކެއް ފެނިގެން ދިޔަނަމަވެސް ރެފްރީ ދައްކާފައިވަނީ އެންމެ ހަތަރު ރީނދޫ ކާޑުކަން ފާހަގަކޮށްލެވެއެވެ.
ކޯޗު ޑުންގާ އިތުރަށް ބުނީ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އިތުރު ކުރިއެރުންތަކެއް ހޯދާނެ ކަމަށެވެ.
ދެވަނަ ފަހަރަށް ބްރެޒިލް ޓީމާއި ހަވާލުވުމަށްފަހު ޑުންގާގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުވެސް އެޓީމް ވަނީ ކާމިޔާބުކޮށްފައެވެ.