12 Oct 2014, 12:27
މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު އަދުނާން ޔަނޫޒާއަކީ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ.
މެންޗެސްޓާގެ ކޯޗުކަމާ ލުއިސް ވެން ހާލް ހަވާލު ވުމާއެކު ރަނގަޅު ކުޅުމެއް ދެއްކުމަށް ޔަނޫޒާއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މި ސީޒަންގެ އެއްވެސް މެޗެއްގައި ފުލްކޮށް ކުޅުމުގެ ފުރުސަތު ޔަނޫޒާއަށް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު މޮއިސް ގަބޫލުކުރާ ގޮތުގައި، ޔަނޫޒާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދޭނެ ފަދަ ހުނަރުވެރި ކުޅުންތެރިއެއް -- ފޮޓޯ: ގެޓީ އިމޭޖަސް
މޮއިސް ބުނީ ޔަނޫޒާއަކީ އަކީ ޔޫރަޕުގައި ހުރި އެންމެ މޮޅު ޒުވާން އެއް ކުޅުންތެރިޔާ ކަމަށާއި އޭނާއަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެ ކަމަށެވެ.
"އަހަރެންނަށް އަންދާޒާ ކުރެވޭ އޭނާ ހޯދާނެ ކާމިޔާބީތައް. ރޫނީވެސް ފުރަތަމަ ޓީމަށް ގުޅުނު އިރު އޭނާގެ އުމުރަކީ މިހާރު ޔަނޫޒާގެ އުމުރު. ރޫނީ ފަދައިން ޔަނޫޒާގެ ވެސް އެބަހުރި އެ ހުރިހާ ޕޮޓެންޝަލެއް. އޭނާއަކީ ޔޫރަޕުގެ ޒުވާން ކުޅުންތެރިން ތެރެއިން މޮޅު ކުޅުންތެރިއެއް. އަހަރެންނަކަށް އެއްވެސް ޝައްކެއް ނެތް އެއް ދުވަހަކުން އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެދާނެ ކަމާއި މެދު،" މޮއިސް ބުންޏެވެ.
ކުޅުމުގެ ތެރޭގައި ޔަނޫޒާ ގެންގުޅޭ އުކުޅުތަކަށް މޮއިސް ވަނީ ތައުރީފް ކޮށްފައެވެ. އޭނާ ބުނީ ޔަނޫޒާގެ އެ ކުޅުމާއި ހުނަރުތަކަކީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސް ވެޑްލްގެ ކުޅުމާއި އެއްކަހަލަ ކުޅުމެއް ކަމަށެވެ.