ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީ އިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ދ. މާގައުގެ ލީސް އެގްރީމެންޓް ބަދަލުކޮށް އެ ރަށް ވިއްކާލަން ކުއްޔަށް ހިފި ފަރާތުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މާގައު ކުއްޔަށް ދީފައިވާ ފަރާތުން އެރަށް އެހެން ބަޔަކަށް ވިއްކާލުމަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށާއި އެ ރަށުގެ ލީސް އެގްރީމެންޓް އެހެންފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށެވެ.

މި އަހަރު މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީ އިން މާގައުގައި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 50 އަހަރަށް އެ ރަށް ކުއްޔަށް ދީފައި ވަނީ އިޓަލީގެ ރައްޔިތެއް ކަމުގައިވާ އަލިބަޓީނޯ ޕެރޫޒޯ ނަމަކަށް ކިޔާ ފަރާތަކަށެވެ.

މާގައު ކުއްޔަށް ދީފައިވާ ފަރާތުން އެރަށް ވިއްކާލަން ނިންމުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާ ނަމަ އެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީ އަށް ހިއްސާކުރުމަށް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މާގައު ކުއްޔަށް ދީފައިވާ ފަރާތުން އެ ރަށް އެހެން ބަޔަކަށް ވިއްކާލުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައިވީ ނަމަވެސް އެ ރަށް ވިއްކާލާ ފަރާތުގެ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.