23 Jan 2011, 16:58
ލަންޑަން : މިއަހަރު ތެރޭގައި އިތުރު އިރެއް ދުނިޔޭގެ ޖައްވުން ފެނިގެން ހިނގައިދާނެ ކަމަށް ފަޒާގެ ކަންތައްބަލައި ދިރާސާކުރައްވާ ޢިލްމުވެރިން ވިދާޅުވެއްޖެ އެވެ. މިފަދަ ބައެއް ޢިލްމުވެރިންނާ ޙަވާލާދީ އިނގިރޭސިވިލާތުގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ އުޑުން އިތުރަށް ފެންނާނެ ކަމަށް ބެލެވޭ މި އިރު، ކުރިޔަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ނޫނީ މިއަހަރުގެ ފަހުކޮޅުގައި ފެނިގެން ހިނގައިދާނެ އެވެ.
ދުނިޔޭގެ އުޑުން ދެވަނަ އިރުގެ ގޮތުގައި ފެންނާނެ ކަމަށް ޢިލްމުވެރިން ވިދާޅުވާ އިރަކީ ސުޕަނޯވާ ތަރިއެކެވެ. މިއީ، ޒަމާންތަކަކަށްފަހު ގޮވާބާވަތުގެ އިރަށް ކިޔާނަމެކެވެ. މިއަހަރުގެ ތެރޭގައި ގޮވައި ދުނިޔެއަށް އޭގެ އަލިފެންނާނެ ކަމަށް ޢިލްމު ވެރިން ވިދާޅުވާ އިރު ނުވަތަ ސްޕަނޯވާ ތަރީގެ ނަމަކީ "ބިޓިލިގިޔޯސް" އެވެ. މިއީ ބިމާ 640 އަލިއަހަރުގެ ދުރުމިނުގައިވާ ވަރަށްބިޔަ ރަތްކުލައިގެ އިރެކެވެ. ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި އިރު ވަނީ ގޮވާން ކައިރިވެފައެވެ. ނަމަވެސް ގޮވާނެ ވަގުތެއް ނޭންގެއެވެ.
ފަޒާގެ ދިރާސާތަކާބެހޭ ޢިލްމުވެރިއެއް ކަމަށްވާ އޮސްޓްރޭލިޔާގެ ކުއީންޒްލޭންޑް ޔުނިވަސިޓީގެ ފިޒިކްސްއާބެހޭ ޕްރޮފެސަރު ބްރާޑް ކާޓާ ވިދާޅުވިގޮތުގައި މިއިރު، މިއަހަރު ތެރޭގައި ގޮވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނަމަވެސް މިއަހަރު ތެރޭގައި ނުގޮވައިވެސް ހުރެދާނެއެވެ. މިއަހަރުތެރޭގައި ނުގޮވައިފިނަމަ ކުރިޔަށްއޮތް ހަ މިލިޔަން އަހަރުތެރޭގައި މި އިރު، ގޮވާނެއެވެ.
"ބިޓިލިގިޔޯސް" ގެ ނަމުން ނަންދެވިފައިވާ ސްޕަނޯވާ މިއަހަރު ތެރޭގައި ގޮވައިފިނަމަ އިރުފަދަ ވަރުގަދަ އަލިގުޅައެއް އިތުރު އިރެއްގެ ގޮތުގައި އުޑުން ފެނިގެންދާނެއެވެ. ދެވަނަ އިރެކޭ ބުނާ އަލިގުޅައަކީ ސްޕަރނޯވާ އިރު ގޮވުމުގެ ސަބަބުން އޭގެން ނުކުންނާނެ އަލިގަދަ ފުސްގަނޑެވެ. ނުވަތަ އަލިގަދަ ދުންގަނޑެވެ. މިއަލިކަން ދެހަފްތާއަށް ދެމިގެންދާނެ އެވެ. އަދި މިއަލިގަނޑާއި ރޭގަނޑުގެ ވަގުތުތަކާ ދިމާވެއްޖެނަމަ ދުވާލެކޭ އެއްގޮތަށް ރޭގަނޑުވެސް އަލިވެގެންދާނެއެވެ. އަދި ދުވާލާ ދިމާވުމުން ދުވާލުވެސް އިތުރަށް އަލިގަދަވެގެންދާނެއެވެ. މިއީ ބިންއުފެދުމަށްފަހު (އިރު ފިޔަވައި) ޖައްވުން ފެނިގެންދާނެ އެންމެ އަލިގަދަ އަލިގުޅަ ކަމަށާއި މިއަލިގުޅައިގެ އަލިކަން އިރުގެ އަލިކަމާ އެއްފަދަވާނެ ކަމަށްވެސް ޢިލްމުވެރިންނާ ޙަވާލާދީ މިރިޕޯޓް ބުނެއެވެ.