ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ މުއާހަދާގެ މެންބަރަކަށް ދިވެހި ރާއްޖެ ވެއްޖެ އެވެ.


ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވަނީ މި މުއާހަދާއަކީ 2007 ވަނަ އަހަރު ދިވެހި ރާއްޖެއިން ސޮއުކޮށްފައިވާ މުއާހަދާއެއް ކަމަށާއި އިއްޔެ މިމުއާހަދާ ތަސްދީގު ކުރުމާއެކު ރާއްޖެ ވެފައިވަނީ 85 ވަނަ މެންބަރު ޤައުމަށް ކަމަށެވެ.


މި މުއާހަދާގެ އެންމެ ބޮޑު ބޭނުމަކީ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމެވެ. އަދި މި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން އެޤައުމެއްގައި ޚާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންގެ ހައްޤުތައް ހިމާޔަތްކޮށް އެކަންތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޤައުމުގެ އެހެން ރައްޔިތުންނެކޭ އެއް ހަމައެއްގައި އެއްވެސް ތަފާތެއް ނެތި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހެ އެވެ.


މިމުއާހަދާގެ އެންމެ މުހިންމު އަސާސެއްކަމުގައި ބެލިވިފައިވަނީ އެކަހެރި ނުކޮށް ތަފާތުކުރުން ގެންގުޅުމަކައި ނުލާ ކަންކަމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހަމަހަމަ ފުރުސަތު ލިބިދިނުމާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް އިހުތިރާމް ކުރުމެވެ. އަދި މިމުހަދާ ތަސްތީގުކުރާ ކޮންމެ ޤައުމަކުންވެސް މި މުއާހަދާ ބުނެފައިވާ ކަންތައްތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި ޤާނޫނީ، ޝަރުއީ އަދި ސިޔާސަތުތައް ކަނޑައެޅުމުގެ ތެރެއިން ކުރެވޭ ކަންތައްތަކާ ބެހޭ ރިޕޯޓެއް ޤަވައިދުން ހުށައަޅަން ޖެހެ އެވެ. އަދި އެ މުއާހަދާ ތަސްދީޤު ކުރާތާ ދެ އަހަރުތެރޭ ފުރަތަމަ ރިޕޯޓް ހުށަހަޅަން ޖެހޭއިރު ދެން ހުށަހަޅާ ރިޕޯޓްތައް ހުށަހަޅަން ޖެހެނީ ކޮންމެ ހަތަރު އަހަރަކުން ކަމަށް އެ މުއަހަދާގައި ބުނެ އެވެ.


މިހާތަނަށް މިމުއާހަދާގައި ދުނިޔޭގެ 144 ޤައުމަކުން ސޮކިކޮށްފައިވާއިރު 85 ޤައުމަކުން ވަނީ މިމުއާހަދާ ތަސްދީޤުކޮށްފަ އެވެ.