ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވައިދު އިސްލާހު ކުރުމުގެ ގޮތުން މަޝްވަރާ ކުރުމުގެ ސެމިނާރެއް ބޭއްވުމަށް އެ ސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށް ފީފާއިން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ވީހާވެސް ގިނަ ބައެއްގެ މަޝްވަރާއާއި އެކު އެ ސެމިނާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

" ފުޓްބޯޅަ އަކީ ރާއްޖޭގެ އެއްމެ މަގުބޫލު ކުޅިވަރަށް ވާތީއާއި ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ފައިދާ އާއި ލާބަ ލިބޭނެ ގޮތަށް އަސާސީ ގަވައިދު ފަރުމާކުރުމަށްޓަކައި ފުޓްބޯޅަ ކޮމިއުނިޓީގެ ވީހާ ވެސް ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ މި އެސޯސިއޭޝަނުން ބޭނުންވެއެވެ. މި މަގްސަދުގައި އެފްއޭއެމުން ބާއްވާ ސެމިނާގައި ފުޓްބޯޅަ އާއިލާގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މި އެސޯސިއޭޝަނުން ވަރަށް ބޮޑަށް އެދޭކަމެކެވެ." އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމުން ބުނީ، އެ އެސޯސިއޭޝަނުގެ އެކްސްކޯ އާއި ފުޓްބޯޅަ ކޮމިއުނިޓީއާ ދެމެދު މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި ފުޓުބޯޅަ ތަރައްގީ ކުރުމަށް އެފްއޭއެމްގެ އެކްސްކޯގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހުމަދު ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސެމިނާ ބޭއްވުމަށް ބޭނުންވާ ތައްޔާރީތައް ކުރިއަށް ދާކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ. އެހެންނަމަވެސް ބާއްވާނެ ތަނަކާއި ވަގުތެއް ހާމަކޮށްފައެވެއް ނުވެއެވެ.

އެފްއޭއެމްގެ ގަވާއިދު އިސްލާހު ކުރުމަށް ހުރަސް އެޅިފައިވަނީ މިދިޔަ މަހުގެ 25ގައި ކުރިއަށް ގެންދިޔަ އަހަރީ ކޮންގްރެސް މެދު ކަނޑާލަން ޖެހުމާއި ގުޅިގެންނެވެ.