ޔޫރޯ 2016ގެ ކޮލިފައިންގައި ރޭ ޕޮލަންޑުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ސިއްސުވާލައިފި އެވެ.

ވާސޯގެ އެސްޓާޑިއޯ ނަރޮޑޯވީގައި ކުޅުނު ޔޫރޯ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުގައި ޕޮލެންޑުން ވަނީ ދުނިޔޭގެ ޗެމްޕިއަނުންގެ މައްޗަށް 2-0 ލަނޑުން ކުރިހޯދައި ޖަރުމަނުގެ ސަޕޯޓަރުން މާޔޫސްކޮށްލައިފައެވެ.

މެޗުގައި ޕޮލެންޑުން ކާމިޔާބުކުރި ދެގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލް 51 ވަނަ މިނިޓުގައި ލޫކަސް ޕިޒްޗެކް ނަގައިދިން ހުރަހަކުން އަރްކަޑިއަސް މިލިކް ކާމިޔާބުކޮށްދިން އިރު މެޗު ނިމެން ކައިރިވެފައި ވަނިކޮށް 88 ވަނަ މިނިޓުގައި ސަބޭސްޓިއަން މިލާ ވަނީ ގޯލެއް ޖަހައި އެގައުމުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ޖަރުމަނުގެ މައްޗަށް މޮޅެއް ކަށަވަރުކޮށްދީފައެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލިޝް ފޯވަޑް ރޮބާޓް ލެވަންޑޯސްކީގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ ދެވަނަ ހާފުގައިވެސް ނޯޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ އިތުރުން މިޑްފީލްޑަރު މިލާވެސް ވަނީ ޖަރުމަނުގެ ގޯލަށް އަމާޒުކޮށް ދެތިން ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގެ ކުރީކޮޅު ޖަރުމަނުގެ ފޯވަޑް ތޯމަސް މުލާއަށް ޕޮލަންޑް ކީޕަރު ޝެޒްނީގެ ގޯލް ފޫއަޅުވާލަން ފުރުސަތެއް ލިބި ބޭކާރު ވެފައިވެއެވެ. ދެވަނަ ހާފުގައި ޓޯނީ ކްރޫސް ނަގައިދިން ހިތްގައިމު ހުރަސް ބޮލުން ޖަހައި އެޓީމުގެ ޑިފެންޑަރު މެޓް ހަމެލްސް ފޮނުވާލި ނަމަވެސް އެ ހަމަލާގެ ހުރަހަކަށްވީ ޕޮލަންޑްގެ ޑިފެންޑަރެކެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޕޮލަންޑަށް އުފަން ޖަރުމަނު ފޯވަޑް ލޫކަސް ޕޮޑޮލްސްކީ ފޮނުވާލި ބާރު ބޯޅަ ގޯލަށް އަމާޒުކޮށް ނުލެވުނު އިރު އަންދްރޭ ޝޫލާގެ ހަމަލާ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ދެޓީމުގެ ފަރާތުންވެސް ޑިފެންސް ކުރުމުގައި ގިނަގޯސް ތަކެއް ފެނުނު މި މެޗަކީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ އަތުން ބަލިވުމަށްފަހު ޖަރުމަން ޓީމުން ބައްޔަކާ ކުރިމަތިލި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު ޔޫރޯ ކޮލިފަޔާސްގެ ގްރޫޕް ޑީގެ އެންމެ ކުރީގައި ހަ ޕޮއިންޓާއެކު ޕޮލެންޑް ހަމަޖެހިލިއިރު ޖަރުމަނު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައެވެ.