ބައިނަލް އަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ފްރާންސް އިން ޕޯޗުގަލްގެ މައްޗަށް ކުރިހޯދައިފި އެވެ. ރޭ ފްރާންސްގެ ސްޓޭޑް ޑެ ފްރާންސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީވެސް ފްރާންސެވެ. ފުރަތަމަ ހާފު ފަށައިގެން މާގިނައިރުތަކެއްނުވެ ތިންވަނަ މިނިޓުގައި މިގޯލް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރައިޒްމަން ނަގައިދިން ހުރަސް ޕޯޗުގަލް ޑިފެންޑަރުންނަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފޯވަޑް ކަރިމް ބެންޒީމާ އެވެ.

ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައި ފްރާންސް ޓީމުގެ އަރަމުންނަ އަންނަ ޒުވާން ތަރި ޕައުލް ޕޮގްބާ ގޯލެއް ޖަހއި އެޓީމަށް ލީޑު ފުޅާކޮށްދިން ނަމަވެސް 77 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފޯވަޑް ރިކާޑޯ ގުއަރެސްމާ ވަނީ ޕޯޗުގަލް އަށް މެޗުގައި ކުރިއެރުމެއް ހޯދައިދީފައެވެ.

މެޗުގެ 76 ވަނަ މިނިޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. ރޭގެ މެޗުގައި ފްރާންސްގެ ގޯލް ފޫއަޅުވަން ރޮނާލްޑޯއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައިވެއެވެ. މިގޮތުން ދެވަނަ ހާފުގައި ބޮލުން ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު މަންޑަންޑާ ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތު ތަކެއް ލިބިފައިވެއެވެ. ފްރާންސްގެ މިޑްފީލްޑަރު ބްލޭއިސް މަޓުއިޑީ ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ޕޯޗުގަލް އިންވެސް ވަނީ ދެވަނަ ހާފުގައި އެމީހުންގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ދެތިން ހަމަލާއެއް ފްރާންސްގެ ކީޕަރު މަންޑަންޑާގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން ނާނީ އާއި އަންދްރޭ ގޯމޭޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ޑިފެންޑަރު ރިކާޑޯ ކަވާލިއޯ ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. މިއީ ތިން އަހަރުގެ ތެރޭގައި ޕޯޗުގަލްގެ ޖާޒީގައި އޭނާ ކުޅެން ނުކުތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އަމިއްލަ ގައުމުގައި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ޝަރަފު ލިބިފައިވާ ފްރާންސް ޓީމް 1975 ވަނަ އަހަރު ފަހުން ޕޯޗުގަލް އަތުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.