ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު މާރިޔާ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މއ. ރަވްޟާ އިބްރާހީމް ފައިސަލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އޭނާ މިއަދު ކޯޓަށް ހާޒިރުނުވުމުންނެވެ.

ފައިސަލާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ދައުލަތުން މާރިޔާގެ ނަން ހުށަހަޅާފައި ވާތީ މިއަދު މާރިޔާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެ ދައުވާ ފައިސަލްގެ މައްޗަށް އުފުލާފައި ވަނީ މާރިޔާ ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް އޭނައާ މެދު މާރާމާރީ ހިންގައި އެ ފިހާރައިން ނެރެ އިތުރު ފުލުހުންތަކަކާ ބައިވެރިވެގެން މާރިޔާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެެއްގަ އެވެ.

މާރިޔާގެ ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް މިމަހުގެ 19 ވަނަ ދުވަހުގެ 1:00 އަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އެދުވަހު ކޯޓަށް ހާޒިރުވުމުގެ ޗިޓު މާރިޔާއަށް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.