12 Oct 2014, 10:26
މިހާރު އިންޑިއާ އަށް އަރަމުން އަންނަ ތޫފާނު ހުދުހުދުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
ތޫފާން ހުދުހުދު އިންޑިއާ އަށް އަރާތީ އެ ތޫފާނުގެ ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެދާނެތޯ ސަން އިން ދެންނެވުމުން އެ އިދާރާގެ ފޯކާސްޓަރު ވިދާޅުވީ އެ ފަދަ ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދާއި މާދަމާ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.
ތޫފާން ހުދުހުދަށް އަރަބި ނަމެއް ކިޔާފައި ވަނީ ތޫފާނުތަކަށް ނަން ދިނުމަށް އޭޝިއާގައި ކަނޑައަޅާފައިވާ އުސޫލުން ތަރުތީބު ކޮށްފައިވާ ނަންތަކުގެ ތެރެއިން އޮމާންގެ ނަމެއް މިފަހަރު ދިމާ ވެގެންނެވެ. އެ ތޫފާނަށް އެނަން ދިނީ އޮމާންގެ މޫސުމާ ބެހޭ އިދާރާއިންނެވެ. ތޫފާންތަކަށް ނަން ދެނީ މޫސުމާ ބެހޭ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި އާއްމުންނަށް މައުލޫމާތު ދިނުމަށް ފަސޭހައަކަށެވެ. ހުދުހުދަކީ ދޫންޏަކަށް ކިޔާ ނަމެކެވެ. އެ ދޫންޏަށް ދިވެހި ބަހުން ވެސް ކިޔަނީ ހުދުހުދެވެ.