އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާ އަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްުޔަރުކުރި 16 މީހުންގެ ތެރެއިން ބަންދުގައި ތިބި ހަތް މީހުން ވެސް ރޭ 10:30 އެހާކަަންހާއިރު ދޫކޮށްލާފައިވާ ކަމަށާއި އެ ހަތް މީހުން ދޫކޮށްލީ ބަންދުގައި ބަހައްޓާ ވަރަށް ހެކިލިބިފައި ނުވާތީ ކަމަށެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޖަލްސާއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ވަދެ ހަމަނުޖެހުން ހިނގި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު ހަމަ އެ ރޭ ވަނީ ދޫކޮށްލައިފަ އެވެ.

އެ ޖަލްސާގައި ގާއުކުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ހަރަކާތްތެރިވި ތިން ފުލުހަކަށް ވެސް ވަނީ އަނިޔާލިބިފަ އެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.