12 Oct 2014, 09:55
ލަންޑަން (އޮކްޓޯބަރ 12) : 1967ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތް ގަބޫލުކުރުމަށާއި އެ ދައުލަތަށް ރަސްމީ ގޮތުން އިއުތިރާފްވުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާ ގަރާރަކަށް ވޯޓު ދިނުމަށް އިނގިރޭސި ޕާލަމެންޓް (ހައުސް އޮފް ކޮމަންސް) ތައްޔާރުވަމުން އެބަދެ އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހައުސް އޮފް ކޮމަންސްގެ ޖަލްސާ އަށް މި މައްސަލަ އެޖެންޑާ ކޮށްފައިވާ ކަމަށް ޚަބަރު ލިބެ އެވެ. އިސްރާއީލު ގަދަބާރުން ހިފައި އިސްތިޢުމާރުކޮށްގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަނުން 1988 ވަނަ އަހަރު އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމަށާއި އެ ދައުލަތަށް އިއްތިރާފްވުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާ ގަރާރުގެ ދެލިކޮޕީ، ހައުސް އޮފް ކޮމަންސް އަށް ހުށަހަޅަނީ އިނގިރޭސި އިދިކޮޅު ޕާޓީ ކަމަށްވާ ލޭބާ ޕާޓީގެ ފަރާތުންނެވެ.
އިނގިރޭސި ލޭބާ ޕާޓީއަކީ ކޮންޒަވެޓިވް ޕާޓީއަށް ވުރެ ބޮޑަށް ފަލަސްތީނުގެ ހައްގުތަކަށް ހަމްދަރްދީވާ އަދި އިނގިރޭސި މުޖްތަމައުގައި ނުފޫޒު ގަދަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާ ވެސް ނިސްބަތުން ގުޅުންތައް ކުޑަ ޕާޓީއެކެވެ. މިހާރު އެ ގައުމުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަކީ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ ޕާޓީއެއް ކަމަށް ސިފަކުރެވޭ ޕާޓީއެ ކެވެ.
ލޭބާ ޕާޓީގެ ފަރާތުން މި ގަރާރު ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ގްރަހަމް މޮރިސް ވިދާޅުވި ގޮތުގައި މިއީ ލޭބާ ޕާޓީގެ ހިޔަނި ކެބިނެޓާއި ހައުސްއޮފް ކޮމަންސްގައި ހިމެނޭ ލޭބާ ޕާޓީގެ މެންބަރުން ބޭނުންވެގެން އެމީހުންގެ ތާއީދާ އެކު ހުށަހަޅާ ގަރާރެކެވެ. އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ކަނާތު ފިޔައިގެ ކޮންޒަވެޓިވް ޕާޓީގެ ގިނަ މެންބަރުންގެ ތާއީދު މިގަރާރަށް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އިދިކޮޅު ލޭބާ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ލެބްރަލް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ފުރިހަމަ ތާއީދު މިގަރާރަށް އޮތުމުން މިގަރާރު ފާސްވާނެ ކަމަށްވަނީ ބެލެވިފަ އެވެ.
މިގަރާރު ފާސްވި ނަމަވެސް މިއަށް އަމަލުކުރުން އިނގިރޭސި ސަރުކާރަށް މަޖްބޫރެއްނުވާނެ އެވެ. އަދި މިގަރާރު ފާސްކުރި ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ތާއީދު ކުރުމުގައި އިނގިރޭސި ސަރުކާރުތަކުން ޒަމާނުއްސުރެ ގެންގުޅެމުންދާ ބޭއިންސާފު ސިޔާސަތުތަކަށް މާބޮޑު ބަދަލުތަކެއް އަންނާންނާނެ ކަމަށް ވެސް ނުބެލެވެ އެވެ. ނަމަވެސް މިގަރާރު ފާސްކޮށްފި ނަމަ އެކަމުގެ ބުރަދަން ބައިނަލްއަގްވާމީ މުޖްތަމައުގައި ވަރަށް ބޮޑުވެ އިސްރާއީލު އިތުރަށް އެކަހެރިވެގެން ދާނެ އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަނެ އެދައުލަތަށް އިޢުތިރާފް ވުމަކީ އިނގިރޭސި ސަރުކާރު ބޭނުން ވަގުތަކު ކުރެވިދާނެ ކަމެކެވެ. މިގޮތުން އިނގިރޭސި ދައުލަތުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފުވުމަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި މިކަން ލަސްކުރުމުގެ ބޭނުމެއް މިހާރު ނެތްކަމަށް ވިލިޔަމް ހެގް ވިދާޅުވި އެވެ.
ހޭގް އަކީ ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުން އިސްރާއީލަށް އިޢްތިރާފްވެފައިވާ ގޮތަށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތަށް ވެސް އިޢްތިރާފްވާން ޖެހޭނެ ކަމަށް ހައުސް އޮފް ކޮމަންސްގެ ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް މި ގަރާރު އެކުލަވާލައި ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ގްރަހަމް މޮރިސް ވިދާޅުވި އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ގިނަ ގައުމުތަކުން ޒަމާނުއްސުރެ ފަލަސްތީނާމެދު ދެކެމުންދާ ބޭއިންސާފު ގޮތްތަކަށް މިހާރު ވަނީ ބަދަލު އަންނަން ފަށާފަ އެވެ. އަދި ޔޫރަޕްގައިވާ ޔަހޫދީ ޒަޔަނިޒަމްގެ ބާރުތައް ވެސް ދަނީ ކުޑަވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު އެންމެފަހުން ހިންގި އުދުވާނުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަމާއި ރަހުމް ކުޑަކަން ޔޫރަޕްގެ އާންމުންނަށް ވަނީ ހާމަވެގެން ގޮސްފަ އެވެ. އަދި ސޯޝަލް މީޑިޔާއާ އެކު ޔަހޫދީންގެ ބާރާއި ނުފޫޒު ވެސް ޔޫރަޕްގެ އާންމުންގެ މައްޗަށް ވަނީ ކުޑަވާން ފަށާފަ އެވެ.
ޔޫރަޕްގެ ބޮޑު ގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން ދާދިފަހުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އެގައުމުން އިޢްތިރާފްވާނެކަން ހާމަކޮށްފަ އެވެ. އިނގިރޭސި ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިއްތިރާފް ވެއްޖެ ނަމަ ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ކައިރި މުސްތަގްބަލެއްގައި މިގޮތަށް އަމަލުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ދުނިޔޭގެ ސަތޭކަ ވިހި ގައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފް ވެފައިވާ އިރު މީގެތެރޭގައި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމު ހިމެނުނު ނަމަވެސް ގިނައީ އޭޝިޔާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާގެ ގައުމުތަކެވެ. އިސްރާއީލުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް ޔޫރަޕްގެ ގައުމުތަކުން އިއްތިރާފް ވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ހާމަކޮށްފަ އެވެ.
އދ. ންވެސް ދާދިފަހުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެފަ އެވެ. ނަމަވެސް އެމެރިކާގެ ދެކޮޅުހެދުންތަކުގެ ސަބަބުން އދ.ގެ ފުރިހަމަ މެންބަރަކަށް ވުމުގެ ހައްގު ފަލަސްތީނުގެ ދައުލަތަށް އަދިވެސް ލިބިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)