12 Oct 2014, 09:41
ނިއުދިއްލީ (އޮކްޓޯބަރ 12) : ބޭ އޮފް ބެންގޯލް ސަރަހައްދުން އިންޑިޔާގެ އިރުމަތީ ސަރަހައްދުތަކަށް މިސްރާބު ޖަހާފައިވާ ހުދުހުދުގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އޮރިއްސާ ސްޓޭޓަށް އަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ މިއީ ގަދަވާޔާއި ބޯ ވާރެޔާ އެކު ދަތުރު ކުރަމުންދާ ވަރަށް ނުރައްކާތެރި ތޫފާނެއް ކަމަށާއި މިތޫފާން އަރާ ސަރަހައްދުތަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު ބޮޑު ކަމުގަ އެވެ. މިތޫފާން އޮރިއްސާއަށް އަރާ ވަގުތު ގަޑިއަކު 195 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވިފައިވާ ކަމަށާއި އެ ސަރަހައްދުގެ އައްސޭރިފަށުގައިވާ ކަނޑުގެ ރާޅުތައް ދެ މީޓަރަށް އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޑިޔާގެ މޫސުމާބެހޭ އިދާރާ އިން ބުނެފައިވެ އެވެ.
ތޫފާން ހުދްހުދްގެ ސަބަބުން އިންޑިއާގެ އިރުމަތީ ސަރަހައްދުތަކުގައިވާ ދަނޑުބިންތަކުގައި ފެންބޮޑުވެ ބައެއް ސަރަހައްދުތަކަށް 24.5 ސެންޓިމީޓަރަށް ވާރޭ ވެހޭނެ ކަމަށާއި މިކަމުގެ ސަބަބުން އެތަށް މިލިޔަން ޑޮލަރެއްގެ ގެއްލުންތައް ލިބޭނެ ކަމަށް ބެލެވިފައިވީ ނަމަވެސް މީހުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތައް ފިޔަވައި އޭގެ ނުރައްކަލާ ކުރިމަތިލުމަށް ކުރެވޭނެ މާބޮޑުކަމެއް ނެތް ކަމަށް އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ހުދުހުދުގެ ނުރައްކަލުން ސަލާމަތް ވުމުގެ ގޮތުން އެތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ އިންޑިޔާގެ އިރުމަތީ ސަރަހައްދުތަކުގެ ރަށްފުށުގެ ބައެއް ހިސާބުތަކުން ދެލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރު އިތުރު ތިން ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމުގެ ފުރުސަތު އޮރިއްސާގެ ލޯކަލް ސަރުކާރުން ވެސް ވަނީ ތަނަވަސްކޮށްދީފަ އެވެ. ހުދުހުދުގެ ނަމުން ނަންދީފައިވާ ތޫފާން އަރާނެ ކަމަށް ބެލެވިފައިވާ އިންޑިޔާގެ ސްޓޭޓްތަކުގެ ތެރޭގައި އޮރިއްސާގެ އިތުރުން އަންދްރާ ޕްރަދޭޝް ވެސް ހިމެނެ އެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މިތޫފާން އަރާނެ ކަމަށް ބެލެވޭ ވިލެޖްތަކުން ފަސް ލައްކަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދެވިފަ އެވެ.
މިއީ މިއަހަރު ތެރޭގައި އިންޑިޔާ އަށް އަރާ އެންމެ ބާރު ގަދަ ތޫފާން ކަމަށް ވެސް އެގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނެފައިވެ އެވެ. (ރޮއިޓާސް)