23 Jan 2011, 16:56
ޏ. ފުވައްމުލަކު ފުނާޑު އަވަށުގެ ޗަސްބިމުގައި ހުރި ގަސްތަކެއްގައި އިއްޔެ ހަވީރު އަލިފާން ރޯވާން ދިމާވީ ބަޔަކު އެ ސަރަހައްދުގައި ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އަތޮޅު ކޮމާންޑާ، ސްޓޭޝަން އިންސްޕެކްޓާ ޢަބްދުއްރަހުމާން ޒިހުނީ މިއަދު ވިދާޅުވީ, އަލިފާން ރޯވި ސަރަހައްދުން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށެވެ. އެގޮތުން ގޭސް ފުޅިއަކާއި ޕްރެޝާ ކުކަރެއް ފެނިފައިވާ ކަމަށް ޒިހުނީ ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހާދިސާ އަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް ޒިހުނީ ވިދާޅުވި އެވެ.
ޒިހުނީ ވިދާޅުވީ، ބަނގުރާ ކެއްކުމަށް އަލިފާން ރޯކޮށްފައި ހުއްޓައި ފުލުހުންނަށް ކްރައިމް ސީންތަކަށް ދެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބައެއް ފަހަރު އެފަދަ މަޢުލޫމާތެއް ލިބިގެން ދެވޭއިރު އެބަހުރޭ އަލިފާން ރޯކޮށްފައި. ދެން އެގޮތަށް އަލިފާން ރޯކޮށްފައި މީހަކު ނެތި ވެސް އެބަދެވޭ،" ޒިހުނީ ވިދާޅުވި އެވެ.
ޒިހުނީ ވިދާޅުވީ އެ ސަރަހައްދަކީ ހުއިގިނަ ސަރަހައްދަކަށް ވާތީ މިދުވަސްވަރު ވަރަށް ފަސޭހައިން އަލިފާން ހިފާނެ ކަމަށާއި އަދި އެމީހުން އެގޮތަށް އަލިފާން ރޯކޮށްފައި ދިއުމުން އަލިފާން ހިފީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެގޮތުން އިއްޔެ ހަވީރު ހިފި އަލިފާން ގަނޑު ވެސް ނިއްވާލެވުނީ ރޭ 10:00 ޖަހަން އުޅެނިކޮށް ކަމަށް ވެސް ޒިހުނީ ވިދާޅުވި އެވެ.
އަލިފާންގަނޑު ނިންވާލުމުގައި ގިނައިރުތަކެއް ހޭދަވީ ވައިބާރުވުމުންނާ އެސަރަހައްދުން ފެން ލިބެން ނެތުމުން ކަމަށް ފުލުހުން ބުންޏެވެ.
ބިމުގެ ބޮޑު ބައެއް ޗަސްބިމުގެ ގޮތުގައި އޮންނަ ފުވައްމުލަކުގެ ޗަސްބިމުގެ އެކި ސަރަހައްދުތަކުގައި މިދުވަސް ވަރު އަލިފާން ރޯވުމަކީ އާންމުކަމެކެވެ. ނަމަވެސް އެ ސަރަހައްދުން ފަސޭހައިން ފެންލިބޭނެ އިންތިޒާމެއް ހަމަޖެހޭނެ އިންތިޒާމެއް ހަމައްޖައްސާފަ އެއް ނުވެ އެވެ.