އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް މިރޭ ޖެއްސި ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވުމާ ގުޅިގެން ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު އަލުން ހިދުމަތްދޭން ފަށައިފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު 'ސަން'އަށް މިރޭ ވިދާޅުވީ، ރަންވޭ ވަގުތީ ގޮތުން ބަންދުކުރީ ސިންގަޕޯ އެއާ ލައިންގެ SQ-452 ބޯޓު ރަންވޭއަށް ޖެއްސި ވަގުތު ރަންވޭ މައްޗަށް ހައިޑްރޯލިކް ތެޔޮ ލީކުވުމުގެ ސަބަބުން ކަމަށެވެ. އަދި ރަންވޭ މައްޗަށް އެޅުނު ތެޔޮ ސާފުކުރުމަށްފަހު މިރޭ 12:30 އެހައިކަންހާއިރު އަލުން ރަންވޭ ހުޅުވާފައި ވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިންގަޕޯ އެއާލައިންގެ ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވެގެން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭގައި ވެސް އައިއެންއައިއޭގެ ރަންވޭ ދެ ގަޑިއެއްހައި އިރަށް ބަންދުކޮށްފައި ވެއެވެ.