މުމައްސިލުންނާއި، ތަރީންނާއި، ތަރީންގެތަރީން ވެސް ތިބެއެވެ. ނަމަވެސް މި އެންމެންނަށް ވުރެ ވެސް މަތީ ފަންތިއެއް ވެއެވެ. އެއީ އަމީތާބް ބައްޗަންގެ ފަންތިއެވެ.

އަމީތާބް ބައްޗަނަކީ ތައާރުފަކަށް ބޭނުން ވާ ތަރިއެއް ނޫނެވެ. "އާވާޒް ހީ ޕެހެޗާން ހޭ" އޭ ބުނާ ފަދައިން، އޭނާގެ އަޑުން ވެސް ކޮންމެ މީހަކަށް މެ، އޭނާ އެނގޭނެއެވެ. އޭނާ ސްކްރީނުން ފެނިލައި، "ދޭވިޔޯނ އައުރް ސައްޖާނޯނ! ސްވާގަތު ހެއި އާޕްކާ ކޯން ބަނޭގާ ކަރޯޅްޕަތީ މެއިނ" އޭ ބުނެލުމުން، ހަ ފޫޓު ދިގު އިސްކޮޅެއް ލިބިގެން ވާ މި އާދަޔާ ޚިލާފު ފަންނާނަށް ސަމާލުކަން ނުދީ ހުރުމަކީ އުނދަގޫ ކަމެކެވެ.

ތިބައީ އަންހެން ކުއްޖަކަސް، ފިރިހެން ކުއްޖަކަސް، ތިބާގެ އުމުރަކީ 12 އަހަރު ކަމަށް ވިޔަސް، 27 އަހަރު ކަމަށް ވިޔަސް، ނުވަތަ 50 އަހަރު ކަމަށް ވިޔަސް، އަމީތާބް ބައްޗަނަށް ސަޕޯޓު ނުކުރަމޭ ބުނާނެ ހެނެއް ހީއެއް ނުވެއެވެ. އިންޑިޔާގައި، ބިގް ބީއަށް ތާއީދު ކުރުން ވެފައި ވަނީ ފިކުރަކަށެވެ.



އަންހެނުން އަމީތާބަށް މަރު ދެއެވެ. ފިރިހެނުން އޭނާގެ ކުޅަދާނަކަމާއި މޮޅުކަން ދެކެ ހައިރާން ވެއެވެ. ފަންނާނުން އޭނާގެ ހުނަރުވެރިކަމަށް ތައުރީފުގެ ބަސްތައް ހިފެހެއްޓުމެއް ނެތި އޮއްސައެވެ. އާދައިގެ މީހުންގެ މުނިފޫހި ފިލުވައިދިނުމުގައި އޭނާ ފަދަ ކުޅަދާނަ މީހަކު ނެތެވެ. އެތައް ޖީލަކަށް ފަހު، މިއަދު ވެސް އޭނާ ހުރީ މުމައްސިލެއްގެ މަގާމުގައެވެ. މިއަދު، އިންޑިޔާގެ ސިނަމާގައި "އެކްޓް" މި ލަފުޒުގެ މާނަ ކަނޑައަޅައިދެނީ، އޭނާ ފިލްމުތަކުގައި ކޮށްފައި ވާ ނަމޫނާ މަސައްކަތެވެ.

އަމީތާބް ބައްޗަން އުފަން ވީ 1942 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަސްވަރަކީ އިންޑިޔާގެ މިނިވަންކަމުގެ ހަރަކާތް ވަރުގަދަޔަށް ހިނގަމުން ދިޔަ ދުވަސްވަރެވެ. އެ ހަރަކާތުގެ ތެރޭގައި އުފުލެމުން ދިޔަ އެންމެ މަޝްހޫރު އެއް ޝިއާރު ކަމަށް ވާ "އިންގިލާބު ޒިންދާބާދު" އަށް ނިސްބަތް ކުރެވި، އޭނާއަށް ފުރަތަމަ ކިޔުނު ނަމަކީ "އިންގިލާބު ބައްޗަން" މިއެވެ. އަމީތާބަކީ ފަހުން ބަދަލު ކުރެވުނު ނަމެވެ. އޭނާގެ ބައްޕަޔަކީ ހަރިވަންޝްރާއި ބައްޗަނެވެ. އުފަން ރަށަކީ އައްލާހްއާބާދެވެ.



އެތައް ދަހަޔަކަށް ދެމިގެން ދިޔަ ކެރިއަރަކަށް ފަހު، މިއަދު އަމީތާބު ހުރީ ކާމިޔާބުގެ އެންމެ އުސް ކުންނުގައެވެ. ނަމަވެސް މި ހިސާބަށް އޭނާ ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. މި ހިސާބަށް އައުމަށް ޓަކައި އޭނާ ވަނީ އެތައް އަޑިގަނޑެއް ގިރާ ކޮށްފައެވެ. އެތައް ފަހަރަކު، އަމިއްލަ ކެރިއަރާއި މުސްތަގުބަލަށް ޓަކައި ވަރުގަދަ ހަނގުރާމަތައް ވެސް ކޮށްފައެވެ.

ދިއްލީގައި ތައުލީމުގެ ފައްތަރުތައް ފުރިހަމަ ކުރުމަށް ފަހު، އަމީތާބު ފުރަތަމަ މަސައްކަތް ކުރީ ކަލްކަތާގެ ކަނޑުބޯޓު ކުންފުންޏެއްގައެވެ. އެ ތަނުގައި އޭނާ ހަތް އަހަރުގެ މުއްދަތަށް މަސައްކަތް ކުރިއެވެ. އެއަށްފަހު އޭނާ މުމްބާއިއަށް އައުމުން، ފިލްމީ ދާއިރާގެ ނަންހުރި ފަރާތްތަކުގެ ސަމާލުކަން ފުރަތަމަ ލިބުނީ އޭނާގެ އަޑަށެވެ. އެހެންކަމުން، ފިލްމު ކުޅުމުގެ ކުރީން ވެސް، އޭނާގެ އަޑު ފިލްމުގެ ނެރޭޝަންތަކުގައި ބޭނުން ކުރެވުނެވެ. ސަތިޔަޖީތު ރާއޭގެ "ޝަތުރާންޖް ކީ ކިހލާޅީ" ގައި އޭނާގެ އަޑު ނެރޭޓަރެއްގެ ގޮތުގައި އިވިގެން ދިޔައެވެ. އޭނާއަށް ފިލްމީ ދާއިރާގައި ފުރަތަމަ ފަހަރަށް މަގާމެއް ހޯދައިދިނުމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރީ އޭނާގެ ރީތި އަޑު ކަމަށް ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ހައިރާން ވާން ޖެހޭ ކަމަކީ، އޭނާ އޭގެ ކުރީން "އޯލް އިންޑިޔާ ރޭޑިޔޯ" ގައި ޕްރެޒެންޓަރެއްގެ ވަޒީފާއަށް އެދުމުން، އޭނާގެ އަޑަކީ ރޭޑިޔޯއަށް ކަމުދާ ކަހަލަ ރީތި އަޑެއް ނޫން ކަމަށް ބުނެ، އެ ވަޒީފާ އޭނާއަށް ދިނުމަށް އިންކާރު ކުރެވިފައި ވާ ކަމެވެ.



އަމީތާބުގެ ފުރަތަމަ ފިލްމީ ރޯލަކީ "ސާތު ހިންދުސްތާނީ" ގައި ކުޅުނު ރޯލެވެ. އެ ރޯލުން އޭނާޔަށް ގައުމީ އެވޯޑެއް ލިބުނެވެ. ނަމަވެސް އެ ރޯލަށް ފަހު، ފިލްމީ ދާއިރާއިން އޭނާއަށް އިތުރު ކުރިއެރުންތަކެއް ނުލިބުނެވެ. ދުވަސްކޮޅަކަށް، އެކަކުވެސް އޭނާގެ މައްޗަކުން ހަނދާނެއް ނެތެވެ. އަނެއްކާވެސް އޭނާއަށް އެ ދާއިރާގައި ކުރިޔަށް ދެވޭން ފެށީ، އެއިރުގެ ސުޕަރސްޓާރ ރާޖޭޝްކަންނާއާ އެކު "އާނަންދް" އާއި "ނަމަކް ހަރާމް" ކަހަލަ ފިލްމުތަކުން ލިބުނު ކުދިކުދި، އެކަމަކު މުހިއްމު ރޯލުތަކާ އެކުގައެވެ. ބޮކްސް އޮފީހުގައި ކާމިޔާބު، އަދި ފާޑު ކިޔުންތެރީންގެ ތަރުހީބު ނުހަނު ބޮޑަށް ލިބުނު "އާނަންދް" ގައި އޭނާ ކުޅުނު ރޯލަށް، ފިލްމްފެއަރ އެވޯޑުގައި "ބެސްޓް ސަޕޯޓިންގ އެކްޓަރ" ގެ އެވޯޑު ވެސް ލިބުނެވެ.

އަމީތާބުގެ ހަޔާތް ބަދަލު ވެގެން ދިޔައީ، 1973 ވަނަ އަހަރު ނުކުތް "ޒަންޖީރް" އާ ހަމައިންނެވެ. އެ ފިލްމުގެ ޕްރޮޑިޔުސަރު ޕްރަކާޝް މެހެރާ، އޭނާގެ އައު ފިލްމަށް "ތާޒާ މޫނެއް" ހޯދަމުން ދަނިކޮށް، އަމީތާބު އޭނާގެ ސަމާލުކަމަށް އައީ "ބޮމްބޭ ޓު ގޯއާ" އިންނެވެ. ޕްރަކާޝް މެހެރާ ބުނެފައި ވާ ގޮތުގައި، "ބޮމްބޭ ޓު ގޯއާ" ގެ ތަޅާފޮޅުމެއްގެ މަންޒަރެއްގައި، އަމީތާބުގެ އެކްޓިންގ އާއި ޑިޕިކްޓޭޝަން ފެނުމުން، އޭނާޔަށް "ޒަންޖީރުގެ ބަތަލް ވިޖޭ ފެނުނީ" އެވެ.

"ޒަންޖީރަށް" ފަހު، އަމީތާބް ފަސް އެނބުރި ބަލައެއްނުލައެވެ. ހިންދީ ފިލްމީ ދާއިރާއަށް ވެސް އަމީތާބު ހިމެނުނީ ޖަވާހިރަކަށެވެ. "ރުޅި އައިސްފައި ވާ ޒުވާނާ" ގެ ރޯލަށް އޭނާ ވަރެއް ނެތެވެ. އެއިރާ ހަމަޔަށް، ފިލްމެއްގެ އިސް ރޯލު ކުޅޭ ފިރިހެނުންނަކީ ހަމައެކަނި "ލޯބިވެރީން" ނެވެ. އެ ރޯލަށް "ބަތަލް" މި ލަފުޒުގެ ހުރިހާ ކުލަތަކާއި ޖަޒުބާތުތަކެއް ގެނެސްދިނީ އަމީތާބެވެ.

އަމީތާބަށް އޭނާގެ ހަޔާތުގެ ލޯބި ފެނުނީ ވެސް "ޒަންޖީރް" ގެ މަސައްކަތުގެ ތެރޭގައެވެ. އެ ފިލްމުގައި އޭނާއާ އެކު ހަރަކާތްތެރި ވި ޖަޔާ ބަދޫރީއާ އޭނާޔާ ދެ މީހުންގެ ލޯބި "އަބީހމާން" ކުޅުމުގެ ތެރޭގައި ފައްކާ ވެ، ފަހުން ދެ މީހުން ކައިވެނި ކުރިއެވެ. "އަބީހމާން" އަކީ ވެސް އަމީތާބުގެ ރީތި އަދި މޮޅު ފިލްމެކެވެ.

ހިންދީ ފިލްމީ ދާއިރާގެ އެންމެ މޮޅު ޑިރެކްޓަރުންނާއި މުމައްސިލުން މުމައްސިލާއިންނާ އެކު އަމީތާބު މަސައްކަތް ކުރިއެވެ. 1970 ގެ އަހަރުތައް ނިމުމަކާ ހަމަޔަށް ދިޔަ އިރު، ފިލްމީ ދާއިރާގައި އޭނާއަކީ ބާރެކެވެ. މީސްތަކުން، އޭނާ ދެކޭން ތިއޭޓަރުތަކަށް ހާހުން ހާހުން ޖަމާ ވެއެވެ. ހަމައެކަނި އޭނާ ދެކެލުމަށެވެ. ކޮންމެ އަންހެން ކުއްޖަކާ އެކު، ކޮންމެ ވައްތަރެއްގެ، ކޮންމެ ފިލްމެއްގައި ވެސް، އަމީތާބު އުޅޭ ނަމަ، މީސްތަކުން އެ ފިލްމެއް ބަލާން ޖަމާ ވެއެވެ.



މިހާރު ހިންދީ ސިނަމާގެ "ކްލެސިކްސް" ގެ ގޮތުގައި ބެލެވޭ އެތައް ފިލްމެއް، އަމީތާބު ކުޅެފައި ވެއެވެ. "ނަމަކް ހަރާމް" އާއި "ދީވާރް" އާއި "އާނަންދް" އާއި "އަބީހމާން" އާއި "ޝަރާބީ" އާއި "މިލީ" އާއި "ތުރިޝުލް" އާއި "ސިލްސިލާ" އާއި "ކަބީހ ކަބީހ" އާއި "ޝޯލޭ" ފަދަ އެތައް ފިލްމެކެވެ. މިއަދުވެސް މި ފިލްމުތަކަކީ މީސްތަކުން ފޫހިކަމެއް ނެތި ބަލާ ފިލްމުތަކެވެ. އޭނާގެ "އަގްނީޕަތު" އާއި "ޑޮން" ފަދަ ފިލްމުތައް ފަހުން ހެދިފައި ވާ ނަމަވެސް، ފަހުން ހެދުނު އެއްވެސް ފިލްމަކަށް، އަމީތާބު ކުޅުނު އަސްލު ފިލްމުގެ ޖާދޫއެއް ނުދެއްކުނެވެ.

ލޯބީގެ ފިލްމުތަކުގެ ތެރެއިން، އަމީތާބުގެ "ކަބީހ ކަބީހ" އާއި "އަބީހމާން" އާއި "ސިލްސިލާ" އާއި "މެއިން އައުރް މޭރީ ތަންހާއީ" ފަދަ ފިލްމުތަކަކީ އާދަޔާ ޚިލާފު ފިލްމުތަކެކެވެ. "ކަބީހ ކަބީހ މެރެ ދިލް މޭ، ޚަޔާލް އާތާ ހޭ" ފަދަ ލަވަތައް ލޯބިވެރީންގެ ސަލާމްތަކަކަށް ވެފައި ވަނީ، އަމީތާބު އެ ލަވަތަކަށް މުމައްސިލީ ދިރުން ގެނެސްދީފައި ހުރި ލެއް ފުރިހަމަ ކަމުންނެވެ.

ކޮމެޑީގައި އަމީތާބުގެ ކުޅަދާނަކަން "ޗުޕްކޭ ޗުޕްކޭ" އާއި "ނަމަކް ހަލާލް" އާއި "އަމަރް އަކްބަރް އެންތަނީ" ފަދަ ފިލްމުތަކުން ފެނިގެން ދިޔައެވެ.

އަމީތާބުގެ ފިލްމީ ކެރިއަރުގެ އެންމެ އަނދިރި އެއް ވަގުތުކޮޅު އައީ، "ކޫލީ" ގެ ޝޫޓިންގެ ތެރޭގައި، އޭނާއަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ. އޭނާގެ ބަނޑަށް، މޭޒެއްގެ ކަން ވަދެ، ހިނގި ހާދިސާގެ ސަބަބުން، އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓުމުން، އޭނާގެ ފޭނުން މުޅި އިންޑިޔާގެ އެތަން މިތަނުގައި ކަޅު ހެދުން އަޅައިގެން ރޮމުންރޮމުން މަގުތަކަށް ނުކުތެވެ. ނަމަވެސް އެ އަނިޔާއަށް ފަހު، ރަނގަޅު ވެގެން އޭނާ އައީ ކުރިޔަށް ވުރެ ވެސް ވިދުވަރު ގަދަކޮށެވެ.

އަމީތާބަކީ އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ކަމޭ ހިތާ ފަންނާނެކެވެ. "ޝަރާބީ" ގެ ޝޫޓިންގ ނަގަމުން ދަނިކޮށް، އޭނާގެ އަތްތިލަ ފިހުނެވެ. ނަމަވެސް އޭނާ ބޭނުން ވީ ކަނޑައެޅިފައި އޮތް ތާވަލާ އެއްގޮތަށް، ފިލްމުގެ ޝޫޓިންގ ކުރިޔަށް ގެންގޮސް ނިންމައިލައިފައި މެނުވީ، އަތްތިލަޔަށް ފަރުވާ ދޭން ނުދިޔުމަށެވެ. އެހެންވެ، ޝޫޓިންގ ފުރިހަމަ ކުރީ، އޭނާގެ އަތްތިލަ ފަޓުލޫނުގެ ޖީބަށް މަހައިލައިގެން ހުރެއެވެ. އަމީތާބުގެ ކޮންމެ ހަރަކާތެއް ފެޝަނަކަށް ވެގެން ދާ އުސޫލުން، މިއީ ވެސް ފެޝަނަކަށް ވެ، ފިރިހެނުން ފަޓުލޫނުގެ ޖީބަށް އަތް މަހައިލައިގެން ތިބުމުގެ ފެޝަން މުޅި އިންޑިޔާ އާއި، އިންޑިޔާއިން ބޭރަށް ވެސް ފެތުރިގެން ދިޔައެވެ.



1980 ގެ އަހަރުތަކާ ހަމަޔަށް ވެސް، އަމީތާބަށް ފިލްމީ ދާއިރާގައި ކާމިޔާބަކަށް ފަހު ކާމިޔާބެއް ލިބެމުން ދިޔައެވެ. ނަމަވެސް 1980 ގެ އަހަރުތަކުގެ ތެރޭގައި، އޭނާގެ ތަރިއަށް ފަނޑުކަން އަންނާން ފެށިއެވެ. އައު އެކްޓަރުން ތައާރަފު ވެ، އަމީތާބުގެ "ތަޚުތު ގެއްލިދާނެ" ކަމުގެ ކޮޅުމަތި ފެނުނެވެ. އެ ދުވަސްވަރު، އެއިރުގެ ބޮޑުވަޒީރު ރަޖީވް ގާނދީއާ އޮތް ގުޅުމާ އެކު، އޭނާ ސިޔާސީ ދާއިރާއަށް ވެސް ވަނެވެ. ނަމަވެސް ސިޔާސީ ދާއިރާގައި އޭނާ ވީ ބޮޑު ފޭލިން ފޭއްޔެވެ.

އެކްޓިންގެ ދާއިރާގައި އުނދަގޫ ފައްތަރަކަށް ދިޔުމަށް ފަހު، އަމީތާބު ގަސްތު ކުރީ އޭނާގެ އަމިއްލަ ފިލްމު ކުންފުންޏެއް އުފެއްދުމަށެވެ. އެ ކުންފުނި ހެދުމަށް ޓަކައި، އޭނާ އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ޚަރަދު ކުރިއެވެ. ނަމަވެސް އެ ކުންފުނީން ހެދި މްރިތިޔޫދާތާ ފަދަ ފިލްމުތަކަށް އެއްވެސް ކާމިޔާބެއް ނުލިބި، ފަހުން ކުންފުނީގެ ފަރާތުން "މިސް ވޯރލްޑް" މުބާރާތް ބޭއްވި ބޭއްވުން ވެސް ފޭލި ވުމުން، ކުންފުނި ބަނގުރޫޓު ވިއެވެ. އެއާއެކު، ޓެކްސް އޮފިޝަލުން އޭނާގެ ފަހަތުން ނުނެއްޓި، ކުންފުނީގެ ބަނގުރޫޓުވުމާ އެކު އައި ގާނޫނީ އެތައް މައްސަލަތަކެއްގައި ވެސް އޭނާއަށް އުޅޭން ޖެހުނެވެ.

އަމީތާބް ބައްޗަނަށް "ޝަހެންޝާހް" އެވެ ކިޔެނީ ސަބަބަކަށް ޓަކައެވެ. ކުރީން ބުނެވުނު ފަދަ ފުން ވަޅުގަނޑަކުން ވެސް އޭނާ އަރައިގަތީ، ހުޝިޔާރުކަމާއި ކުޅަދާނަކަމާ އެކުގައެވެ. އުމުރުން 57 އަހަރުގައި، އޭނާ އެނބުރި ފިލްމީ ދާއިރާއަށް އައެވެ.

ދެން އައީ އަމީތާބުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް އެޕިސޯޑެވެ. މަޝްހޫރު ޓީވީ ޝޯ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނެއަރ" ގެ އިންޑިޔާ އެޑިޝަން ކަމަށް ވާ "ކޯން ބަނޭގާ ކަރޯޅްޕަތީ" އިން އަމީތާބު ފެނިގެން ދިޔައީ އޭނާގެ ހަގީގީ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ކަރިޝްމާއާ އެކުގައެވެ. އެ ޝޯވ ހުށަހަޅައިދިނުމުގައި އޭނާގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ހުނަރުވެރިކަމާ އެކު، އޭނާ އަނެއްކާވެސް އިންޑިޔާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ އަލިގަދަ ތަރިއަށް ވެގެން ދިޔައެވެ.



ބުނެވޭ ގޮތުގައި، ޔާޝް ޗޯޕްޅާގެ "މުހައްބަތޭނ" ގައި އޭނާ އަދާ ކުރި ދައުރަކީ، އޭނާ ޔާޝް ޗޯޕްޅާގެ ކައިރީން އެދިގެން ހޯދި ފުރުސަތެކެވެ. އެއަށްފަހު ދެން ފެނުނީ ކަރަން ޖޯހަރްގެ "ކަބީހ ޚުޝީ ކަބީހ ޣަމް" ގައި އޭނާ އަދާ ކުރި މޮޅު ރޯލެވެ. އެ ރޯލާ އެކު، އަނެއްކާވެސް އޭނާ ފިލްމީ ދާއިރާގެ ސުޕަރސްޓާރެއްގެ ހަރުފަތަށް އެރިއެވެ.

"ބާޣްބާން" އާއި "ބްލެކް" އާއި "ޕާ" ފަދަ ފިލްމުތަކާ އެކު، އަމީތާބް އަނެއްކާ ވެސް ސާބިތު ކޮށްދިނީ އޭނާ އަކީ އެކްޓިންގެ ދާއިރާގެ ބައްޕަ ކަމެވެ. "ބްލެކް" އާއި "ޕާ" އިން އޭނާއަށް އަނެއްކާވެސް ގައުމީ އެވޯޑު ލިބުނެވެ. އެއިރު، "ކޯން ބަނޭގާ ކަރޯޅްޕަތީ" އާއި "ޔުދް" ފަދަ ޓީވީ ޝޯވތަކާ އެކު، އޭނާ ވަނީ ޓީވީ ބެލުންތެރީންގެ ދުނިޔޭގެ ވެސް ރަސްކަން ހޯދައިފައެވެ.

އަމީތާބަކީ އެހެން ފަންނާނުންގެ މަސައްކަތް ބަލައިގަންނަ ވެސް އެކްޓަރެކެވެ. "ކުއީން" ގައި ކަންގަނާ ރެނޯޓް އަދާ ކުރި ރޯލު ބެލުމަށް ފަހު، އަމީތާބު ކަންގަނާޔަށް ތައުރީފު ކޮށް އޭނާގެ އަތުން ލިޔުނު ނޯޓަކާ އެކު މާބޮނޑިއެއް ކަންގަނާއަށް ފޮނުވިއެވެ.

އަމީތާބުގެ މަގުބޫލުކަން އޮތީ ހަމައެކަނި އިންޑިޔާގައެއް ނޫނެވެ. 2003 ވަނަ އަހަރު، ފްރާންސުގެ ޑިއުވިލްއިން، އެ އަވަށުގެ ޝަރަފުވެރި ރައްޔިތެއްގެ މަގާމު އޭނާއަށް ދިނެވެ. އިނގިރޭސި ވިލާތުގެ ޔޯރކްޝަޔަރގެ ލީޑްސް މެޓްރޮޕޮލިޓޭން ޔުނިވަރުސިޓީންނާއި، ލެއިސެސްޓަރގެ ޑި މޮންޓްފޯރޓް ޔުނިވަރުސިޓީންނާއި، އޮސްޓްރޭލިޔާގެ ބްރިސްބޭންގައި ހުންނަ ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީން އޭނާއަށް ޝަރަފުވެރި ޑޮކްޓަރޭޓްގެ ލިޔުން ދީފައި ވެއެވެ. ލަންޑަންގެ މެޑަމް ޓުސޯޑްސްގައި އޭނާގެ ސޫރަ ބެހެއްޓިފައި ވެއެވެ. "ނައިޓް އޮފް ދަ ލީޖިއަން އޮފް ހޮނަރ" ގެ ލަގަބު އޭނާއަށް ލިބިފައި ވެއެވެ.

ބޮލީވުޑާ ބެހޭގޮތުން އަމީތާބް ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ އޭނާ ބުނާ ގޮތުގައި "ބޮލީވުޑް" މި ނަމަކީ އޭނާ ގަޔާ ވާ ނަމެއް ނޫނެވެ. ރަނގަޅު ގޮތެއް ކަމަށް އޭނާ ދެކެނީ "އިންޑިޔާގެ ފިލްމީ ދާއިރާ" މި ނަމެވެ.

މިހާރު އަމީތާބަކީ ފިރިއެކެވެ. ބައްޕައެކެވެ. ކާފައެކެވެ. އެކުވެރިއެކެވެ. އެހެން ފަންނާނުންނަށް މަގު ދައްކާ މީހެކެވެ. މި ހުރިހާ ރޯލެއް ވެސް އޭނާ އަދާ ކުރަނީ މީހުންގެ ތައުރީފު ލިބޭ ގޮތަށެވެ. އުމުރުން 72 އަހަރުގައި ވެސް، އަމީތާބް ހުރީ އިންޑިޔާގެ ފިލްމީ ދާއިރާގެ އުޑުގައި ފިޔަޖަހާ އެންމެ އަލިގަދަ ތަރީގެ ގޮތުގައެވެ.