11 Oct 2014, 23:09
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް މިރޭ ޖެއްސި ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވެ، ވަގުތީ ގޮތުން ރަންވޭ ބަންދުކޮށްފި އެވެ.
އައިއެންއައިއޭގެ ރަންވޭ މައްޗަށް ތެޔޮ ލީކުވީ ސިންގަޕޯ އެއާލައިންގެ ބޯޓަކުންނެވެ. އެ ބޯޓުން ތެޔޮ ލީކުވުމުން މިރޭ 10:03 އިން ފެށިގެން ރަންވޭ ވަނީ ބަންދުކޮށްފަ އެވެ.
ރަންވޭ މައްޗަށް ތެޔޮ ލީކުވުމާ ގުޅިގެން އައިއެންއައިއޭއަށް މިރޭ ޖައްސަން ޝެޑިއުންކޮށްފައިވާ ބައެއް ފުލައިޓުތައް ވަނީ ދަތުރު ފަސްކޮށްފައެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު 'ސަން'އަށް މިރޭ ވިދާޅުވީ، ސިންގަޕޯ އެއާ ލައިންގެ SQ-452 ބޯޓު ރަންވޭއަށް ޖެއްސި ވަގުތު، ހައިޑްރޯލިކް އޮއިލް ލީކުވީ ކަމަށާއި، އެހެންވެ ރަންވޭ ސާފުކުރުމަށް ބަންދުކުރީ ކަމަށެވެ.
"ބޯޓް ލޭންޑުކުރި ވަގުތު، ހައިޑްރޯލިކް އޮއިލް ލީކުވީ. މިހާރު އެ ބޯޓުވަނީ، ޕާކިިންއަށް ވައްދާފައި. ނަސީބު ރަނގަޅު ކަމުން ހާދިސާ ހިނގި ގަޑީގައި އިތުރު ފްލައިޓްތަކެއް ވެސް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލްއިން ބުނީ، މިހާރު ރަންވޭއަށް އެޅިފައިހުރި ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، ލަފާކުރެވޭ ގޮތުގައި އެއާޕޯޓްގެ ރަންވޭ އަލުން އޮޕަރޭޝަނަށް ހުޅުވައިލެވޭނީ، 12:00ގެ ފަހުން ކަމަށެވެ.
ސިންގަޕޯ އެއާލައިންގެ ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވެގެން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 10:30ގައި ވެސް އައިއެންއައިއޭ ބަންދުކޮށްފައި ވެއެވެ.