ހޭޝް އޮއިލް ކަމަށް ބެލެވޭ ދެ ކިލޯއެއްހާ ތަކެއްޗާ އެކު ހައްޔަރުކުރި ހަތަރު މީހުންގެ އިތުރަށް ތިން މީހެއްގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ޖަހައިދީފި އެވެ.

މާފަންނު ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ހޭޝް އޮއިލް ކަމަށް ބެލެވޭ ދެ ކިލޯއެއްހާ ތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ފުލުހުން ބުނީ، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ދެ މީހަކު 10 ދުވަސް ވަންދެން ބަންދު ކުރުމަށް ތައްގަނޑު ޖަހައިދީފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މިހާ ގޭ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެކަކު، ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ކޯޓުން ވަނީ ނިންމައިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 37 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ހޭޝް އޮއިލް ކަމަށް ބެލެވޭ، އެކު ޖުމްލަ ދެ ކިލޯއެއްހާ ތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުގީގު ކުރަމުންނެވެ.