11 Oct 2014, 21:17
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް އިން ވާދަވެރި އާޖެންޓީނާގެ މައްޗަށް ކުރިހޯދައިފި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގެ ބާޑްސް ނެސްޓް ސްޓޭޑިއަމް ގައި މިރޭ ކުޅުނު މެޗް ބްރެޒިލް ކާމިޔާބުކުރީ ޑިއޭގޯ ޓާރްޑެލީގެ ގޯލްތަކާއިއެކު 2-0 ންނެވެ.
މެޗުގައި ޓާރްޑެލީގެ ފުރަތަމަ ލަނޑު، އަދި ގައުމީ ޓީމަށް ވެސް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައެވެ. އަދި ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނިޓުގައެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިއާގެ ފަރާތުން މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ޓާރްޑެލީ ވަނީ ދެހާފުގައިވެސް އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ތަރި އެންޖެލް ޑި މަރިއާއަށް ބްރެޒިލްގެ އޭރިއާ ތެރެއިން ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީ ކެޕްޓަން މެސީއަކަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެސީ ފޮނުވާލި ބޯޅަ ކީޕަރު ޖެފާރްސަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އާ ކޯޗު ކާލޮސް ޑުންގާ ވަނީ ބްރެޒިލް ޓީމާއި ހަވާލުވެ އެޓީމުގެ ފުރަތަމަ އެގާރައިން ފްރެޑް ބާކީ ކޮށް އެގައުމުގެ ފަސްޓް ޑިވިޝަން ކްލަބެއް ކަމަށްވާ އެތުލެޓިކޯ މިނެއިރޯއަށް ކުޅެމުން އަންނަ ފޯވަޑް ޓާރްޑެލީއަށް ފޯވަޑްލައިން ލީޑު ކުރަން ފުރުސަތު ދީފައެވެ.
މެޗުގެ 82 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަކާ ވަނީ ކުޅެން ނުކުމެފައެވެ. މިއީ 2013 ވަނަ އަހަރުގެ މާޗް މަހަށްފަހު ކަކާ ބްރެޒިލް ޓީމުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
ބްރެޒިލްގެ އާ ކޯޗު ކާލޮސް ޑުންގާ ޓީމާއި ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ވާދަވެރި އާޖެންޓީނާ ބަލިކުރެވުމުން މި ކާމިޔާބީ ވެގެންދާނީ އަންނަ އަހަރު ޗިލީގައި އޮންނަ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރުމަށް ބްރެޒިލް ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.