ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ނ. ވެލީދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެރީނާގެ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންގޮސްފި އެވެ.

ވެލިދޫ ކައުންސިލްގެ މެންބަރު ޢަލީ މުޖްތަބާ މިރޭ 'ސަން'އަށް ވިދާޅުވީ، ފުޓްސަލް ދަނޑު އަޅަން ބޭނުންވާ ސާމާނުގެ ތެރެއިން ކާޕެޓް ފިޔަވައި ހުރިހާ ސާމާނެއް މިއަދު އެރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުޓްސަލް ދަނޑު ހެދުމުގެ ޢަމަލީ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޓީސީސީގެ ފަރާތުން ވަނީ، މިރަށު ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ހަދަން ބޭނުންވާ ސާމާނު މިއަދު މިރަށަށް ފޮނުވާފައި. އޭގެ ތެރޭގައި ހިލައާއި ހިލަވެލި، ދަގަނޑާއި ދަގަނޑު ހޮޅި، ސިމެންތި އަދި ނެޓް ހިމެނޭ. ދެން އަޅުގަނޑުމެން މި ލަފާކުރަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ދަނޑުގެ އަމަލީ މަސައްކަތް ފެށޭނޭ ކަމަށް،" އެމްޑީއޭގެ ފަރާތުން ކައުންސިލަށް ހޮވިވަޑައިގެން ހުންނެވި މެންބަރު ވިދާޅުވި އެވެ.

ނ. ވެލިދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ، ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ބާލަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

ޔޫތު މިނިސްޓްރީގެ ފަރާތުން ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގައި ހިމެނޭ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް، އެމްޓީސީސީން ވަނީ، ސަބްކޮންޓްރެކްޓަރ އުސޫލުން 350،000 ރުފިޔާގެ އަގަކަށް ވެލިދޫގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ، ހުސްއަލި ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި ފުޓްސަލް ދަނޑު ނިންމައި އެމްޓީސީސީއާ ހަވާލުކުރާން ޖެހެއެވެ.

"ކައުންސިލުން މިދިޔަ މަހު ވާނީ، ފުޓްސަލް ދަނޑު ހަދަން ނިންމާފައިވާ ބިންވެސް ހަވާލުކޮށްފައި. އެއީ މިރަށު ތައުލީމީ މަރުކަޒުގެ ހުޅަނގުން، އޮންނަ ހުސްބިން. އެއީ މިހާރު ސްކޫލް ކުދިން ކުޅެން ބޭނުންކުރާ ފުޓްބޯޅަ ދަނޑު،" އަލީ ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލުން ބުނީ، ފުޓްސަލްއެރީނާގެ މަސައްކަތް ކުރުމަށް އެ ކައުންސިލްގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނޭ ކަމަށެވެ.

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާއިން، މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ރައްޖޭގެ އެކި ކަންކޮޅުގައި 34 ސްޕޯޓްސް އެރީނާ ގާއިމް ގާއިމުކޮށްދޭނޭ ކަމުގެ ވައުދުވެފައިވާ އިރު މިނިސްޓްރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އެ މަސައްކަތް ހުރިހާ ދިމާލެއްގައި ވެސް ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ، ފަހަރަކު ކަމެއް ކުރަމުން. މިފަހަރު ސްޕޯޓްސް އެރީނާ ގާއިމްކުރަން ހަމަޖެހިފައިވާ ތަންތަނުގައި އެމަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އެގޮތުން ބައެއް ރަށްރަށުގައި މަސައްކަތް ލަސްވެފައި ވަނީ، ކައުންސިލުން ބިން ދޫނުކޮށްގެން، ނުވަތަ ބިމަށް ބަދަލުދޭންޖެހޭ ތަންތަނަށް ބަދަލު ދިނުމާއި އެފަދަ ބައެއް މައްސަލަތައް ކުރިމަތިވެގެން،" ކުޅިވަރު އެރީނާގެ މަޝްރޫއާ ބެހޭ މައުލޫމާތު 'ސަން'އަށް ދެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވި އެވެ.