ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ "ލައިވް އާޓް ކޮމްޕެޓިޝަން"ގައި ބައިވެރިވި ޒުވާނުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ލައިވް އާޓް ކޮމެޕެޓިޝަން ނިންމުމަށްފަހު ނަތީޖާ ފަޅުކުރުމަށް މިއަދު ނޭޝަނަލް އާޓު ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ ޒުވާނުންނަކީ މުޖުތަމައުގައި ވަރަށް މުހިންމު ބަޔަކަށް ވާތީ ޒުވާނުންނާ ގުޅުވައިގެން ހިންގާ ކަންކަމާއި ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ޔޫތު މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އެ ޒިންމާ އަދާކޮށް މިއަދުގެ މުބާރާތުގައި ކުރެހި ހުރިހާ ކުރެހުންތެރިންނަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއާއި މިނިސްޓްރީ ގުޅިގެން އެއްވެސް ފީއެއް ދެއްކުމެއްނެތި ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ޒިންމާ އެއް. އެހެންވީމަ މިއަދު މުބާރާތުގައި ކުރެހި ހުރިހާ ކުރެހުންތެރިންނަށް ހާއްސަކޮށްގެން ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއާއި މިނިސްޓްރީ ގުޅިގެން އެއްވެސް ފީއެއް ދެއްކުމެއްނެތި ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ހަބަރު އަރުވަން،" ނާއިފް ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންފޮސްފައިވާ އާޓް ކޮމްޕެޓިޝަން އަކީ އެސްޓީއޯގެ ސްޕޮންސާގެ ދަށުން 16 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.